ޚަބަރު
މާދަމާގެ އުފާފާގަތިކަން ގުޅިލާމެހިފައި ވަނީ ވަޠަނުގެ މަޞްލަޙަތަށްޓަކައި ޚިދުމަތް ކުރާނެ އިޚްލާޞްތެރީންނާ: ރައީސުލްޖުމްހޫރިއްޔާ
މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މާދަމާގެ އުފާފާގަތިކަން ގުޅިލާމެހިފައި ވަނީ ވަޠަނުގެ މަޞްލަޙަތަށް ވިސްނައި ޚިދުމަތް ކުރާނެ އިޚްލާޞްތެރީންނާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މި ފަދައިން ވިދާޅުވީ ނަޞްރުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ޚިއްޞާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުރިހާ ދާއިރާއަކުންވެސް ބޭނުންވަނީ ވަޠަނުގެ ކުރިއެރުމާއި މަޞްލަޙަތަށް އިސްކަންދީގެން، މުރާލިކަމާއެކު ޤައުމަށް ޚިދުމަތް ކުރާނޭ އިޚްލާޞްތެރީންކަމުގައެވެ. އަދި އެފަދަ ބަޔަކަށް މެނުވީ، ދިވެހި ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައި ނުދެވޭނެ ކަމަށެވެ.
އެ މަނިކުފާނުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، 3 ނޮވެމްބަރުގެ ޙާދިސާގައި ޤައުމުގެ ދިފާޢުގައި ނިކުތް ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިނީ، ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށްޓަކައި ޤައުމު ގޮވާލާ ކޮންމެ ވަގުތަކުވެސް ނިކުންނާނެ ފަހުލަވާނުން އަބަދުމެ ތިބޭނޭކަންކަމެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި މި ޤައުމު ދިފާޢުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިނީ، އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން، މި ޤައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް، ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫޙުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ޤައުމަށް އިޚްލާޞްތެރި ދަރީން ގިނަކޮށްދެއްވުމަށް ދުޢާދަންނަވާފައެވެ.
ކޮންމެ އަހަރަކުވެސް ނަޞްރުގެ ދުވަސް ފާހަގަކުރަނީ ދިވެހި 7 ޚާއިނުންނާއި ނިރުބަވެރި ޖަމާޢަތެއް ގުޅިގެން ރާއްޖެއަށް ދިން ކުއްލި ޢުދުވާނީ ޙަމަލާއިން ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މި ހަމަލާ ދިނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
އެ ހާދިސާގައި ކުށެއް ނެތް 19 ދިވެއްސަކު ޝަޙީދުވިއެވެ. އެއީ އާންމުންގެ ތެރެއިން 11 މީހަކާއި ސިފައިންގެ 8 ބޭކަލުންނެވެ. އެ ދުވަހު ދިވެހިންނަށް ނަޞްރު ލިބުނީ ދިވެހި ސިފައިން ދެއްކި ހިތްވަރުގަދަ ޢަޒުމާއި ކުރެއްވި އަގު މާތް ޖިހާދުގެ ސަބަބުންނެވެ.