ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ނޮވެންބަރު 3 ގެ ހަނދާނީ ބިނާ ހުންނަ ސަރަޙައްދުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ރަސްމިއްޔާތަށް ނޮވެންބަރު 3 ގެ ހަނދާނީ ބިނާ ހުންނަ ސަރަޙައްދަށް ވަޑައިގަތުމުން އެ މައިދާނުން އެދެކަނބަލުންނަށް، މަރުޙަބާ ދެންނެވީ، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއަހަރުގެ ނަޞްރުގެ ދުވަސް ވެސް ފެށީ، ބޮޑު ޖަމާޢަތުގައި ކުރި ފަތިސްނަމާދުންނެވެ.
މި ރަސްމިއްޔާތުގައި ހަނދާނީ ބިނާގައި 8 ދިދަ ޖަހާފައިވެއެވެ. މި 8 ދިދައިން ރަމްޒުކޮށްދެނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޤައުމަށް ދިން ޢުދުވާނީ ޙަމަލާގައި ޝަހީދުވި ސިފައިންގެ 8 ބޭކަލުންނެވެ. މި ރަސްމިއްޔާތުގައި ވަނީ، ޝަހީދުވި މީހުންގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއް ގެނެސްފައެވެ. އަދި 7 ބަޑީގެ ސަލާމެއްވެސް އަރުވާފައިވާއިރު، ރަސްމިއްޔާތު ނިންމާލީ ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއްކުރުމަށްފަހު ސިފައިންގެ ރަސްމީ ލަވައިންނެވެ.

މި ބިނާ ހުންނަނީ ސިފައިންގެ މައި މަރުކަޒުގެ ހުޅަނގު ދެކުނު ކަނުގައެވެ. މިތަން ޤާއިމުކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. ކޮންމެ އަހަރަކުވެސް ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތެއް ބާއްވައެވެ.