ޚަބަރު
ދިވެހިންގެ ވިސްނުން ޤައުމާ އެއްކޮޅަށް ބޭނުންކުރާނަމަ މިނިވަންކަން އޮންނާނީ އަބަދުވެސް ހިމާޔަތްވެފަ: ރައީސް
ރައީސް، ނަޞްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދެއްކެވުން/ފޮޓޯ: ރައީސް އޮފީސް
ދިވެހިންގެ ވިސްނުން ޤައުމާ އެއްކޮޅަށް ބޭނުންކުރާނަމަ މިނިވަންކަން އޮންނާނީ އަބަދުވެސް ހިމާޔަތްވެފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޙާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ވިސްނުން ޤައުމާ އެއްކޮޅަށް ބޭނުންކުރާނަމަ ޤައުމާމެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި ޤައުމުގެ މިނިވަންކަން އޮންނާނީ އަބަދުވެސް ހިމާޔަތްވެފައި ކަމަށެވެ. ހަމަ އެހެންމެ، ދިވެހި ޤައުމު އޮތްހާ ދުވަހަކު މި ޤައުމުގެ މިނިވަންކަން ދިފާއުޢުކޮށް، މިއަދާ ހަމައަށް ގެނައުމުގައި ޝަހީދުވި ހުރިހާ އަބުޠާލުންގެ ޒިކުރާ ތާއަބަދަށް ދެމި އޮންނާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި، އެއްބައެއްވަންތަ ބައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި ޙަޤީގަތް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދީ ވާރުތަކޮށްދިނުމަކީ އަހަރެމެން ކޮންމެ ރައްޔިތެއްގެ ޤައުމީ ވާޖިބެއް ކަމަށެވެ. އަދި ޤައުމަށްޓަކައި ޤުރުބާންވެވޭނީ ހަމައެކަނި ސިފައިންނާއި ފުލުހުންނަށް ނޫންކަމަށާއި، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ފަޚުރެއް ކަމުގައި ހަދަންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮންމެ މީހަކަށް ތަމްރީނުދީގެން ހަތިޔާރެއް ނުދެވޭނެ. އެހެންނަމަވެސް ކޮންމެ މީހެއްގެ އަތުގައިވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތް. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ސިކުނޑި. ވިސްނުން. އެ މީހެއްގެ ވިސްނުން ޤައުމާ އެއްކޮޅަށް ބޭނުންކުރަން ޢަޒުމު ކަނޑައަޅައި އެގޮތުގައި ރެއާ ދުވާލު އެމީހާގެ ވިސްނުމާއި ހިތުގެ އަޑިން ޤައުމުދެކެ ލޯބިވެ، ޤައުމާ އެއްކޮޅަށް ކަންކަންކުރަން އަޒުމު ކަނޑައަޅައި މަސައްކަތްކުރާހާ ހިދަކު މި ޤައުމާމެދު ކަންބޮޑުވާކަށް ނުޖެހޭނެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ބަވަނަވެފައިވާ ދުނިޔޭގައި އެކި ގޮތްގޮތުން ޤައުމުގެ މިނިވަންކަން ނިގުޅައިގަތުމަކީ ފަސޭހަކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކޮންމެ ރައްޔިތަކު ވެސް ޤައުމާ އެއްކޮޅަށް ވިސްނުން ގެންގުޅޭނަމަ އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ޤައުމެއް ޤައުމަކަށްވާނީ އެ ޤައުމުގެ އަފްރާދުންގެ ސަބަބުން ކަމަށާއި، ސަރުކާރުތަކުން ޤައުމުގައި ޢުމްރާނީ ކަންކަން ކުރި ނަމަވެސް އަފްރާދުންގެ ވިސްނުން އޮންނަންވާނީ ޤައުމާ އެއްކޮޅަށް ކަމަށާއި، އެގޮތަށް ވިސްނުން ނުގެންގުޅޭނަމަ އަތްލެވޭ ތަރައްޤީގެ އެއްވެސް ބޭނުމެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ދިވެހި ކޮންމެ ރައްޔިޔެއްވެސް އަމިއްލަ މަސްލަޙަތަށްވުރެ މި ލޮބުވެތި ޤައުމުގެ އެންމެހާ ކަންކަން އިސްކުރެއްވުމަށް ގޮވާލައްވާފައެވެ.