Ads by Stelco

ޚަބަރު

ފުވައްމުލަކާއި އައްޑޫ ސިޓީ އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވާ ރައީސް މުޢިއްޒު މާލެ ވަޑައިގެންފި

ފުވައްމުލަކާއި އައްޑޫ ސިޓީ އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވާ ރައީސް މުޢިއްޒު މާލެ ވަޑައިގެންފި

ރައީސް ޑރ މުއިއްޒު އައްޑޫ ސިޓީ އަށް ކުރެެއްވި ޒިޔާރަތުގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ނޮވެމްބަރު 2025، 10:03

06 ނޮވެމްބަރު 2025، 10:03

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. 

މި ދަތުރުފުޅުގައި އެ ދެ ސިޓީގެ ތަރައްޤީއަށް ގިނަ އަދަދެއްގެ މުހިންމު މަޝްރޫޢުތަކެއް ވަނީ އިފްތިތާޙުކުރައްވައި، އެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތުގެ އެކި މަރުޙަލާތައް ފައްޓަވާފައެވެ.

މި ދަތުރުފުޅަކީ ސަރަހައްދީ ތަރައްޤީއަށް ސަރުކާރުން ދެއްވާ އިސްކަން ރަމްޒުކޮށްދިން ދަތުރުފުޅެކެވެ. ރައީސް މުޢިއްޒު ވަނީ ފުވައްމުލަކާއި އައްޑޫގެ ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް ކައިރިން އަޑުއައްސަވާފައެވެ. އަދި ސަރަހައްދީ ތަރައްޤީއާ މެދު ރައްޔިތުން ދެކޭ ތަސައްވުރު އޮޅުންފިލުއްވައި، ކުރިއަށް އޮތް މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ދެ ސިޓީގައިވެސް ވަނީ ތަފާތު ގިނަ ދާއިރާތަކުން ހިންގަވާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތުގެ އެކި މަރުޙަލާތައް ފައްޓަވާފައެވެ. ފުވައްމުލަކުގައި، ތަޢުލީމާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރު ފަދަ މުހިންމު ދާއިރާތަކުގެ މަޝްރޫޢުތައް ފެށިފައިވެއެވެ. އައްޑޫގައި، ކުޅިވަރާއި ހަށިހެޔޮކަމާއި، ތަޢުލީމާއި، ޞިއްޙަތާއި، އުމްރާނީ ތަރައްޤީ، ދީނީ ވަޙުދަތު، އަދި ދަތުރުފަތުރު ފަދަ ދާއިރާތަކުން ގިނަ ޢަދަދެއްގެ މަޝްރޫޢުތަކުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ޤައުމީ ދިފާޢީ ބާރަށް ވަރަށް މުހިންމު ކަމެއް ވަނީ ހާސިލުކުރެވިފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯގެ ފުރަތަމަ އެއަރ ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މި އެއަރ ސްޓޭޝަން ހުޅުވުމަކީ ޤައުމުގެ ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރައީސް މުޢިއްޒުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެން، މަޝްރޫޢުތަކާ ގުޅުންހުރި އަދާހަމަ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވުމުގެ މަސައްކަތް ވެސް ވަނީ ކުރައްވާފައެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުޢިއްޒު މިއަދު މާލެ ވަޑައިގެންފައިވާއިރު، މި ދަތުރުފުޅަކީ ދެކުނުގެ ސިޓީތަކުގެ ތަރައްޤީއަށް ސަރުކާރުން އިސްކަންދެއްވާ މިންވަރު ހާމަވެގެންދިޔަ ދަތުރުފުޅެއްކަން ފާހަގަކުރެވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން