ޚަބަރު
މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކަށް ހަވާލުކުރުމުން އިޤްތިޞާދު ބިޒީވެ ޕްރޮޑަކްޓިވިޓީ އިތުުރުވެގެންދާނެ: ރައީސް މުޢިއްޒު
ރައީސް ޑރ މުޙައްމަދު މުއިއްޒު
ސަރުކާރުން ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކަށް ހަވާލުކުރުމުން އިޤްތިޞާދު ވަރަށް ބޮޑަށް ބިޒީވެ ޕްރޮޑަކްޓިވިޓީ އިތުރުވެގެންދާނެ ކަަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫޢުތައް ޕްރައިވެޓް ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ތާރީޚީ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައި ދިވެހި ރައްޔިތުންގެ އަމިއްލަ ކުންފުނިތަކާ އެންމެ ގިނަ މަޝްރޫޢުތައް ހަވާލުކުރެވުނު ދުވަހެއް ކަމަށާއި، މިއީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅު މިސްރާބަކަށް ދާކަމުގެ ހެއްކެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢުތައް ހަވާލުކުރެވުނީ، ސަރުކާރު ޙަވާލުވިއިރު ޑިފޯލްޓްކުރުމަށް ޑިޒައިންކޮށްފައި އޮތް އިޤްތިޞާދެއް ނަގައި ކޮޅަށް ޖަހައި، ކުންފުނިތަކުގެ އިތުބާރު ސަރުކާރާއި އިޤްތިޞާދަށް ލިބިގެންނެވެ.
އަޅުގަނޑުމެންނާ ހަވާލުވިއިރު، ފުން އަދަވަޅަކަށް ވައްޓާލާފައިވާ، ޑިފޯލްޓް ކުރުމަށް ޑިޒައިންކޮށްފައި އޮތް އިޤްތިޞާދެއް ނަގައި ކޮޅަށްޖަހައި، ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުމާއެކު ސަރުކާރުތަކުގެ ތެރެއިން އެންމެން ވެގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިއަދު މި ސޮއިކުރުމާހަމައަށްވެސް މިއާދެވުނީ ހަޤީޤަތުގައި. އެއީ އިޤްތިޞާދުގައި މި ބުންވަރު ނެތްނަމަ މި ދުވަހެއް ނާންނާނެ. އިޤްތިޞާދާމެދުގައި ސަރުކާރާ މެދުގައި ޕްރައިވެޓް ސެކްޓަރގެ އިތުބާރު ނެތްނަމަ މި ދުވަހެއް ނާންނާނެ، ރައީސް ޑރ މުޙައްމަދު މުޢިއްޒު
ފާއިތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ޕްރައިވެޓް ސެކްޓަރގެ 153 ކުންފުންޏަކާ އެކި ދާއިރާތަކުން ޖުމްލަ 216 މަޝްރޫޢުގެ މަސައްކަތް ވަނީ ހަވާލުކުރެވިފައެވެ. ރައީސް ވިދާޅުވީ މީގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރައި، އިޤްތިޞާދު ފުޅާވެގެންދިއުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އަމިއްލަ ކުންފުނިތަކާ އެކި މަޝްރޫޢުތައް ހަވާލުކޮށް، ރާއްޖޭގެ އާންމު ފަރުދުން މުއްސަނދި ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އާންމު ފަރުދުންނަށް ފައިދާވާނެ ގޮތަށް މަޝްރޫޢުތައް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަޝްރޫޢުތަކުގެ ލޮޖިސްޓިކް ޗެއިންގެ ތެރެއިންނާއި މެޓީރިއަލް ޗެއިންގެ ތެރެއިން އެތައް ބަޔަކަށް ފައިދާވާނެ ކަމަށެވެ. އެގޮތުން، މަޝްރޫޢުތައް އަމިއްލަ ފަރާތްތަކަށް ލިބުމަކީ މުޅި އިޤްތިޞާދު ބިޒީވެ، ޕްރޮޑަކްޓިވިޓީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢުތައް ވީހާވެސް އަވަހަށް ފެށުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދު ކުރިއަށް އޮތްތަނުގައި ކުރިއަރައިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ދިވެހި ރައްޔިތުންގެ އަމިއްލަ ކުންފުނިތަކަށް އިތުބާރުކޮށް، ގައުމީ ތަރައްޤީގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.