ޚަބަރު
ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާނީ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ތެދުވެރިކަމާއި ޒިންމާދާރުކަމާއެކު: ރައީސް
ރައީސް ވާހަކަފުޅު ދެއްކެވުން/ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާނީ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކަމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކާ ގިނަ އަދަދެއްގެ މަޝްރޫޢުތައް ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެއްވާނީ ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ހުރިހާ އިޖުރާޢަތްތަކެއް ވެސް ފުރިހަމަކޮށްގެން ކަމަށެވެ. ހަމަ އެހެންމެ، 153 ކުންފުންޏަކާ 123 ރަށެއްގެ މަޝްރޫޢުތައް ފާއިތުވި 2 ދުވަހުގެ ތެރޭގައި ހަވާލުކުރެވިފައިވާ ކަމަށާއި، މި މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ކުންފުނިތަކަށް އެއްވެސް ދައްޗެއް ނުވާނެގޮތަށް ކަންކަން ރޭވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ގިނަ މަޝްރޫޢުތައް މަޑުޖެހިފައި ހުންނަނީ ސަރުކާރުން ދޫކުރަންޖެހޭ ފައިސާ ނުލިބިގެން ކަމަށެވެ. ނަމަވެސް، އެކަންކަން މިހާރު ހައްލުކުރެވި އެއްބަސްވުމާ އެއްގޮތަށް ހުރިހާ މަޝްރޫޢެއްގެ މަސައްކަތް ވެސް ފަށައި، ހަލުވި ދުވެލީގައި ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިންނާއި ބޭންކުން ދޭންޖެހޭ އެއްބާރުލުން ލިބިގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ވަރަށް ގިނަ ކަންކަން އެއްފަހަރާ ހާސިލްވާގޮތަށް ކަންކަން ކުރެވޭގޮތް ތަރުތީބުކޮށް، މިކުރަނީ ކޮންކަމެއްކަން ރައްޔިތުންނަށް ސާފުކޮށް އެނގޭގޮތަށް ވަރަށް ޕްރޮފެޝަނަލްކޮށް، ދެފުށް ފެންނަ ގޮތަށް ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ރައްޔިތުންނަށް ވެފައި ހުރި ވަޢުދުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކަމާއެކު އަދާކުރުމުގައި ފުރިހަމަ ނިޔަތުގައި ފުރިހަމަ އަޒުމުގައި މުޅި ސަރުކާރު ގުޅިގެން މި މަސައްކަތް ކުރިއަށް މިގެންދަނީ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވަނީ އޮޑިޓްކޮށްފައިވާ 3 އަހަރު ދުވަހުގެ މާލީ ސްޓޭޓްމަންޓުތައް ހުށަހަޅައިގެން މާލިއްޔަތު ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. ހަމަ އެހެންމެ، އެއްބަސްވުމާ އެއްގޮތަށް މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި މަޝްރޫޢުތައް މޮބިލައިޒް ކުރެވި ތާވަލާ އެއްގޮތަށް ކުރިއަށްގެންދެވޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، މިއަދު ސޮއިކުރެވިގެން ދިޔަ ހުރިހާ މަޝްރޫޢުއެއް ވެސް ހަލުވި ސްޕީޑުގައި ނިމި، އޭގެން ރައްޔިތުންނަށް އެތައް ލުއިފަސޭހައެއް ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.