Ads by Stelco

ޚަބަރު

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި ކަސްޓަމްސްއިން ވަކިކުރި މަޙްމޫދު ރިޔާޒްގެ ވަޒީފާ އިއާދަކޮށްފި

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި ކަސްޓަމްސްއިން ވަކިކުރި މަޙްމޫދު ރިޔާޒްގެ ވަޒީފާ އިއާދަކޮށްފި

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމުގައި ހުންނަވަނިކޮށް ވަކިކުރެއްވި މަޙްމޫދު ރިޔާޒު----

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ނޮވެމްބަރު 2025، 12:07

09 ނޮވެމްބަރު 2025، 12:07

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ ވަޒީފާއިން ވަކިކުރި، ޑެޕިއުޓީ ކޮމިޝަނަރ މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިއާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު މިރޭ ސޯޝަލް މީޑިއާގައި ޚިއްޞާކުރެއްވި މެސެޖެއްގައެވެ. 

ހީނާގެ މެސެޖުގައި ވިދާޅުވީ، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމުގައި ހުންނަވަނިކޮށް، ކަސްޓަމްސްއިން ހިފެހެއްޓުމަށްފަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު ދެ ސިނގިރޭޓު ކޮންޓެއިނަރުގެ މައްސަލައިގައި ބައިވެރިވުން އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ނިންމުމާ ގުޅިގެން ވަޒީފާއިން ވަކިކުރި މަޙްމޫދު ރިޔާޒުގެ ބައިވެރިވުމެއް އެ މައްސަލައިގައި ނެތްކަމަށް މިހާރު އެ ކޮމެޓީއިން ރައީސުލްޖުމްހޫރިއްޔާއަށް އަންގަވާފައިވާކަމަށެވެ. 

މި މައްސަލައިގައި މަޙްމޫދު ރިޔާޒުގެ މައްސަލައެއް ނެތްކަމަށް ނިންމީ އެ ކޮމިޓީން އެ މައްސަލަ އިތުރަށް ތަޙްޤީޤު ކުރެއްވުމަށްފަހުގައިކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.



މަޙްމޫދު ރިޔާޒު އާއިއެކު، ކަސްޓަމްގެ ޑެޕިއުޓީ ކޮމިޝަނަރެއްގެ މަޤާމުގައި ހުންނެވި އެހެން ބޭފުޅަކު ވަޒީފާއިން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިދިޔަ މަހުގެ 29ވަނަ ދުވަހުއެވެ. އެ ދެ ބޭފުޅުން ވެސް ވަޒީފާއިން ވަކިކުރެއްވުމަށް ނިންމެވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވާފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ރައީސްއަށް ފޮނުއްވި ސިޓީގައި ދެއްވާފައިވާ މަޢުލޫމާތާއި ލަފާއަށް ރިޢާޔަތްކޮށްފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިން ސޯޝަލް މީޑިއާގައި ޚިއްޞާކުރައްވާފައެވެ.

ނަމަވެސް، މި ނިނެމްވުމާއެކު، ކަސްޓަމްސްގެ ގިނަ އޮފިސަރުންތަކެއް ވަނީ މަޙްމޫދު ރިޔާޒްއަކީ އެފަދަ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ، ޝުޢޫރު ޙިއްޞާ ކުރައްވާފައެވެ. ގިނަ ބޭފުޅުން އިއްތިފާގުވެފައިވާ ގޮތުގައި މަޙްމޫދު ރިޔާޒަކީ މަޤާމުގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފާނެފަދަ ބޭފުޅެއް ނޫނެވެ. އަދި އެ ބޭފުޅާއަކީ ލާމަސީލު ލީޑަރެއްކަމަށް ވެސް ގިނަ ބަޔަކު ވަނީ ވިދާޅުވެފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން