ޚަބަރު
މިއީ ޤައުމު ދަތުރުކުރާނޭ ފަހި މިސްރާބެއް ކަނޑައެޅުމަށް މުހިންމު މަގުޗާޓެއް :ގެދޮރުވެރިކަމާ ބޭހޭ ވަޒީރު
"ޤައުމީ ތަރައްޤީގެ ޕްލޭން" އިފްތިތާޙުކުރުމުގެ ތެރެއިން ފޮޓޯ:ރައީސް އޮފީސް
ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް އެކުލަވާލާ "ޤައުމީ ތަރައްޤީގެ ޕްލޭން" އަކީ ޤައުމު ދަތުރުކުރާނޭ ފަހި މިސްރާބެއް ކަނޑައެޅުމަށް ނުހަނު މުހިންމު މަގުޗާޓެއް ކަމަށް ގެދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު "ޤައުމީ ތަރައްޤީގެ ޕްލޭން" އިފްތިތާޙުކޮށް، މަޝްވަރާ ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޕްލޭނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާގެ މަތިން އެކުލަވާލެވޭ ޕްލޭނެއް ކަމަށާއި، މީގައި ކަމާބެހޭ ހުރިހާ ފަރާތްތަކާއި ރައްޔިތުންގެ ބައިވެރިވުމާއި ޚިޔާލު ހޯދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ގެނައުމަށްޓަކައި ޤައުމީ ތަރައްޤީގެ ޤާނޫނުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެއެވެ. އަދި ޤާނޫނު އަސާސީއަށް މާއްދާއެއް އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ.
"މިއީ ތަރައްޤީ ބައްޓަންކުރުމަށާއި، ޤައުމު ދަތުރުކުރާނޭ ފަހި މިސްރާބެއް ކަނޑައެޅުމަށް ވަރަށްވެސް މުހިންމު މަގުޗާޓެއް. މިއީ އަންނަން އޮތް ޖީލުތަކަށް ތަނަވަސް، ފުދުންތެރި، އުފާވެރި ދިވެހިރާއްޖެއެއް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް," ވަޒީރު ވިދާޅުވިއެވެ.
މި ޕްލޭނުގައި އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ، ތިމާވެށި ރައްކާތެރިކުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުަސަރު ކުޑަކުރުން އަދި ޤާނޫނު ހިންގުމުގެ ދާއިރާ ހަރުދަނާކުރުން ފަދަ ކަންކަން ހިމެނޭނެއެވެ. އަދި އަލަށް ކުރިމަތިވާ ގޮންޖެހުންތަކަށާއި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށްވެސް ސަމާލުކަން ދެވޭނެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި ޕްލޭން އެކުލަވާލުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން، މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ ބައިވެރިވުން މުހިންމު ކަމަށެވެ. މީގެ ތެރޭގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ލޯކަލް ކައުންސިލްތައް، އަމިއްލަ ފަރާތްތައް، މަދަނީ ޖަމްޢިއްޔާތައް، ތަޢުލީމީ ދާއިރާ، މަސައްކަތްތެރިން، ސިޔާސީ ޕާޓީތައް އަދި ޒުވާނުންނާއި ކުޑަކުދިން ހިމެނެއެވެ.
މި ޕްލޭން އެއް އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލާ ނިންމުމަށް ސަރުކާރުން ޢަމާޒު ހިފާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކޮންމެ ރައްޔިތަކުވެސް އެމީހެއްގެ ޚިޔާލާއި މަޝްވަރާ، އަދި ލަފާ މިކަމުގައި ދެއްވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، އެކި މަންސަތައް މެދުވެރިކޮށް ލަފަޔާއި، އިރުޝާދާއި، ޚިޔާލާއި، މަޝްވަރާ ހުށަހެޅުމަށް ހުޅުވާލާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މި މަސައްކަތަކީ އަދަށްވުރެ ހުރިހާގޮތަކުން ވެސް ފަހި ތަނަވަސް އުފާވެރި ދިވެހިރާއްޖެއަކަށް ވާސިލްވުމަށް ފައްޓަވާ މަސައްކަތެއް," ވަޒީރު ވިދާޅުވިއެވެ.
ޤައުމީ ތަރައްޤީގެ ޕްލޭނަކީ ދިވެހިރާއްޖޭގެ ކުރިމަގު ބައްޓަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ޕްލޭނުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ދެނެގަނެ، ދާއިރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ވަޒަންކޮށް، ހެއްކާއި މަޢުލޫމާތުގެ އަލީގައި ކަންކަން އިސްލާހުކޮށް ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްތައް ޢިލްމީ ނަޒަރަކުން ދެނެގަނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ޕްލޭނުގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، "ރާއްޖޭގެ އެކިކަންކޮޅުތަކުން، މުޖުތަމަޢުގެ ހުރިހާ ފަރާތްތަކާ ފުޅާދާއިރާއެއްގައި މިކަމުގެ މަޝްވަރާ ނުލިބި އެކުލަވާލާ ތަޞައްވުރެއް ފުރިހަމައެއް ނުވާނެ," އެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، އަދި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްލޭނަކީ ދިވެހިރާއްޖޭގެ މުސްތަޤުބަލަށް އައު މަގެއް ކަނޑައަޅައި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު ވަސީލަތެއް ކަމަށް ބެލެވެއެވެ. ރައްޔިތުންގެ ފުޅާ ބައިވެރިވުމާއެކު އެކުލަވާލެވޭ މި ޕްލޭނުން ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އައު ހަރުފަތަކަށް އަރައި، ކުރިމަގު އުޖާލާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.