ވިޔަފާރި / ޚަބަރު
ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމާ ގުޅޭ އިސްލާޙު ތަސްދީޤުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ފަރުދުން
10 ނޮވެމްބަރު 2025، 11:09
10 ނޮވެމްބަރު 2025، 11:09
ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށްޓަކައި، އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކާ ގުޅޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ. މިއީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ގެނައި ފުރަތަމަ އިސްލާހެވެ.
މި ޤާނޫނަށް ގެނެވުނު އިޞްލާޙުގައި ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްޤީކުރުމުގެ ޚާއްޞަ ޝަރުޠުތައް ހިމަނާފައިވާއިރު، ޒޯނުގައި ކުރާ އިންވެސްޓްމަންޓަކީ 500,000,000 (ފަސްސަތޭކަ މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން ޢަދަދެއްގެ އިންވެސްޓްމަންޓަކަށް ވާންޖެހޭކަމަށް ހިމަނާފައިވެއެވެ.
އަދި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތައް ހިމެނޭހެން ތަރައްޤީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ޒޯނުގައި ޤާއިމުކުރުން ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތަކާއި ލަގްޒަރީ ރެސިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްޤީކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން ހިމެނެއެވެ.
މީގެއިތުރުން، މިފަދަ ޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖްކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗަރއާއި ވަސީލަތްތަކަކީ ސެލްފް-ސަފިޝެންޓް އިންފްރާސްޓްރަކްޗަރ އަދި ވަސީލަތްތަކެއް ކަމުގައިވުމާއެކު، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން %60 (ފަސްދޮޅަސް އިންސައްތަ) އަކީ އިޢާދަކުރަނިވި ހަކަތައަށް ވާންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެފަދަ ޒޯނެއްގައި ޑިވެލޮޕަރަށް ނުވަތަ އެފަދަ ޒޯނެއްގެ އިންވެސްޓަރުންނަށް ލިބިދެވޭ ޚާއްޞަ ޢިނާޔަތްތައް މި ބިލުގައި ވަނީ ހިމަނާފައެވެ.
މި ބިލަކީ، 2025 ނޮވެންބަރު 5 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.