ޚަބަރު
ދިއްލީގައި ހިނގި ގޮވުމުގެ ހާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
ދިއްލީގެ ރެޑް ފޯޓުގައި ހިނގި ހާދިސާ---
ފަރުދުން
11 ނޮވެމްބަރު 2025، 07:26
11 ނޮވެމްބަރު 2025، 07:26
އިންޑިއާގެ ދިއްލީގައި ހިނގި ގޮވުމުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހާދިސާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިއްލީގެ ބައިބޯ ސަރަޙައްދެއް ކަމުގައިވާ ރެޑް ފޯޓުގައި ހިނގި މި ހާދިސާގައި ގިނަ ބަޔަކު ވަނީ މަރުވެފައެވެ. ރޭ އިރުއޮއްސި 7:00 ހާއިރު ހިނގި މި ހާދިސާއަކީ، ޓްރެފިކް ލައިޓަށް މަޑުކުރި އުޅަނދެއް ގޮވައިގެންކަމަށް އިންޑިއާގެ ފުލުހުންގެ ތަރުޖަމާނު ސަންޖޭ ތިޔާގީ ވިދާޅުވިއެވެ. މި ގޮވުމާއެކު ހަ ކާރަކާއި ތިން އޮޓޯއެއްގައި އަލިފާން ރޯވެފައިވެއެވެ.
މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ހޯދުމަށް އިންޑިއާގެ ފުލުހުން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މެސެޖުގައި ވަނީ މި ހާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް އެކްސް މެދުވެރިކޮށް ތައުޒިޔާ ފޮނުއްވައިފައެވެ. އަދި މޯދީ ވަނީ ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް ވެސް އެދިވަޑައިގެންފައެވެ. ހާދިޘާގައި އަސަރުކުރި މީހުންނަށް ކަމާބެހޭ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.