Ads by Stelco

ޚަބަރު

ވާނުވާ ބަންދުގެ މައްސަލައަށް އަވަސް ނިމުމެއް ގެނެވޭނެކަން ޔަޤީން: ރައީސުލްޖުމްހޫރިއްޔާ

ވާނުވާ ބަންދުގެ މައްސަލައަށް އަވަސް ނިމުމެއް ގެނެވޭނެކަން ޔަޤީން: ރައީސުލްޖުމްހޫރިއްޔާ

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ

farudhun logo

ފަރުދުން

11 ނޮވެމްބަރު 2025، 02:49

11 ނޮވެމްބަރު 2025، 02:49

ޖުޑިޝަރީގެ މިނިވަންކަން ކަށަވަރުކުރުމަށް ގެންނަ ބަދަލުތަކުގެ ސަބަބުން، ވާނުވާ ބަންދުގެ މައްސަލައަށް ނިމުމެއް ގެނެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދު ވިދާޅުވެއްޖެއެވެ.

އަންނަ 2026ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެ ގޮތުން، ކުރިއަށް އޮތް އަހަރަށް އަންދާޒާކޮށް މަޖިލިހަށް ހުށައެޅި ބަޖެޓުގައި ޖުޑިޝަރީ ދާއިރާއަށް 807 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ މި ނިންމުމާ އެކު، އަޞްލީ މާނައިގައި ޖުޑިޝަރީއަށް މިނިވަންކަން ހޯދައިދީފައިވާ ކަމަށެވެ. އަދި ހަމައެހެންމެ، ކުރިން ވަކި ތަނަކުން ހުއްދަތައް ނަގައިގެން ޚަރަދުތައް ކުރަންޖެހޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް، ޚިދުމަތްތަކާއި މަސައްކަތްތައް ހަލުވިކޮށް ކުރިއަށް ގެންދިޔުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

ޖުޑިޝަރީއަށް ވަކި އެކައުންޓެއް ކަނޑައަޅައި، އަމިއްލައަށް ޚަރަދުތައް ބެލެހެއްޓޭނެ ގޮތް އެވަނީ ކަނޑައަޅާފައި. މިނިވަންކަމާ އެކު ޚިދުމަތް ކުރުމާއި، ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މުވައްޡަފުން ހޯދުމާއި، އަދިވެސް މުހިންމު ކަންތައްތައް އަމިއްލައަށް ކުރެވޭ ގޮތް އެވަނީ ހަމަޖެހިފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ، މި އެންމެހައި ކަންކަމުގެ އެދެވޭ ނަތީޖާއަކީ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ މަސައްކަތްތައް އަވަސްކުރުން ކަމުގައެވެ. ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ވާނުވާ ބަންދުގެ މައްސަލަތަކަށް އަވަސް ނިމުމެއް ގެނައުމުގެ މަސައްކަތްތަކަށް މަގުފަހިކުރުން ކަމަށެވެ. މި ގޮތުން، މި ކަން މި ގޮތަށް ޖުޑިޝަރީން ކުރިއަށް ގެންދާނެކަމުގެ ބޮޑު ޔަޤީންކަމެއް ރައީސް ވަނީ ދެއްވާފައެވެ.

ވާނުވާ ބަންދުގައި ތިބެގެން ނުވާނެ. އެ މީހުންގެ ޙައްޤުތަކެއްވޭ. %100 ޔަޤީން، މި ގެންނަ ހެޔޮ ބަދަލުތަކާ އެކު މި މައްސަލަތައް އަވަހަށް ނިންމަން ޖުޑިޝަރީން މަސައްކަތް ކުރާނެކަން. ޤާނޫނީ އިޞްލާޙުތައް ގެންނަން ޖެހޭ ކަންކަމުގައި ވެސް ސަރުކާރުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ސަރުކާރުން ދޭނެކަމުގެ ޔަޤީންކަން ދެން. އެއީ މަޖިލިހުގެ ތެރެއިންވިޔަސް، ޝަރުޢީ ދާއިރާގެ ކަންކަމަށް ސަރުކާރުން އެއްބާރުލުން ދޭނަން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ޢިމާރާތް ހުޅުވި ޚިދުމަތް ދޭން ފަށާފައިވާއިރު، ޑްރަގް ކޯޓަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ބޮޑު އަހަންމިއްޔަތެއް ދީގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި މިއިން ކޮންމެ ކަމެއްގެ މަޤުޞަދަކީ، މައްސަލަތައް އަވަހަށް ކޯޓަށް ވައްދާ، ޝަރީޢަތްތައް އަވަހަށް ކުރިއަށް ގެންގޮސް ނިންމައިލުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން