ޚަބަރު
2026 ވެގެންދާނީ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްކުރެވިފައި އޮތް ނިޒާމެއްގެ ތެރެއިން ޚިދުމަތް ދެވޭ އަހަރަކަށް: ރައީސް މުޢިއްޒު
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ކުރިއަށް އޮތް 2026 ވަނަ އަހަރު ވެގެންދާނީ ރައްޔިތުންގެ ވެރިކަން އިތުރަށް ހަރުދަނާކުރެވި، ކޮރަޕްޝަންގެ ވަބާއިން ވީހާވެސް ބޮޑަކަށް ސަލާމަތްކުރެވިފައި އޮތް ނިޒާމެއްގެ ތެރެއިން އެންމެހާ ރައްޔިތުންނަށް ޚިދުމަތް ދެވޭ އަހަރަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، 2026 ވަނަ އަހަރަށް ދަޢުލަތުން ހުށަހެޅުއްވި ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެ އެއް ކަމަކީ 'މޯލްޑިވްސް 2.0' ނުވަތަ ޑިޖިޓަލައިޒްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދެއްވުމެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންނަށް ހަރުދަނާ ގޮތުގައި ޚިދުމަތްތައް ލިބުމަށް ހުރަސްއަޅާ ކޮރަޕްޝަންގެ ވަބާ ވީހާވެސް ބޮޑަކަށް ކުޑަކުރުމަށްޓަކައި ކުރެވޭ އެންމެ މުހިންމު މަސައްކަތަކީ މިއީއެވެ.
މޯލްޑިވްސް 2.0 މަޝްރޫޢަކީ 3 އަހަރު ދުވަހުގެ މަޝްރޫޢެކެވެ. މި މަސައްކަތްތައް ފުޅާދާއިރާއެއްގައި 2026 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ވަނީ ތަރުތީބުކުރެވިފައެވެ. ރައީސުލްޖުމްހޫރިއްޔާ އުންމީދުފުޅުކުރައްވާ ގޮތުގައި 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދެވޭއިރު، ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މި އަމާޒަށް ވާސިލުވެވޭނެއެވެ.
ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގައި ދެފުށް ފެނުން، އިންސާފުވެރިކަން އަދި ޢަދުލުވެރިކަން އަށަގެންނެވުމަކީ އެންމެ މުހިންމު ކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވުމަށްޓަކައި ޑިޖިޓަލައިޒޭޝަންގެ ތެރެއަށް ދިއުމަށް ނިންމެވި ނިންމެވުމަށް ޙަޤީޤީ ކާމިޔާބު ލިބޭނީ، ހުރިހާ ރައްޔިތުން މިކަން ބަލައިގަނެ، އެއްބާރުލުން ދިނުމުންކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން، ޑިޖިޓަލައިޒްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދެވެމުންދާ ދިއުމުގައި މުޖުތަމަޢުގެ އިސްރަށްވެހީންނަށް، ޒުވާނުންގެ ފަރާތުން އެއްބާރުލުން ބޭނުންވާނެކަން އެމަނިކުފާނު ވަކީން ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮރަޕްޝަން ނައްތާލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެ ކަމުގެ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ހިންގުމުގެ ނިޒާމު ދެފުށްފެންނަ ގޮތް ހަދައި، ޖަވާބުދާރީ ކުރެވޭ މިންވަރު އިތުރުކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ނައްތާލުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމެވެ.
މޯލްޑިވްސް 2.0 ގެ މަޝްރޫޢަކީ މި އަމާޒަށް ވާސިލުވުމަށް ކުރެވޭ އެންމެ ބޮޑު މަސައްކަތްކަމަށާއި، ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި ޒިންމާ އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަމާއެކު އަދާކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.