ވިޔަފާރި / ޚަބަރު

ޓްރޭޑްމާރކާއި އެއާގުޅޭ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ބިލު ތަޞްދީޤުކުރައްވައިފި

ޓްރޭޑްމާރކާއި އެއާގުޅޭ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ބިލު ތަޞްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

11 ނޮވެމްބަރު 2025، 10:40

11 ނޮވެމްބަރު 2025، 10:40

ޓްރޭޑްމާރކާއި އެއާގުޅޭ އެހެނިހެން ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ޤާނޫނުގެ މަޤްޞަދަކީ، އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ޓްރޭޑްމަރކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށް ކަމަށެވެ. އަދި ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމަރކާ ގުޅިގެން އެޓްރޭޑްމަރކްގެ ވެރިފަރާތައް ލިބޭ ޙައްޤުތަކުގެ ދާއިރާ ބަޔާންކުރުމާއި ޓްރޭޑްމަރކްގެ ޙައްޤަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ވެސް މި ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މި ޤާނޫނުގައިވާ ގޮތުން "ޓްރޭޑްމަރކް" ކަމުގައި ބެލެވޭނީ އެއް ފަރާތެއްގެ މުދަލާއި ޚިދުމަތްތައް އަނެއްފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ނިޝާންތަކަށެވެ. ނަމަވެސް އެ ނިޝާންތައް "ޓްރޭޑްމަރކް"ގެ ގޮތުގައި ބޭނުން ކުރުމުގެ ޙުއްދަލިބި، އެ ޤާނޫނުން ލިބިދޭ ޙައްޤުތައް ކަށަވަރުވާނީ ރަޖިސްޓްރީ ކުރުމުންނެވެ. 

އެ ޤާނޫނުގައިވާގޮތުން ރާއްޖޭގައި ޓްރޭޑްމަރކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅިދާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ޓްރޭޑްމަރކްގެ ޤާނޫނުގައި ބުނެފައިވާ ގޮތުގައި ޓްރޭޑްމަރކްގެ ޙައްޤަކަށް އަރައިގަތުމުގެ ޢަމަލެއް ހުއްޓުވުމަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅުންހުރި މައްސަލައެއްގައި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރުތައް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި މައްސަލަ ލަސްވުމުގެ ސަބަބުން ޓްރޭޑްމަރކްގެ ވެރިފަރާތައް އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ހާލަތެއްގައިވެސް މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމެއް ނެތި ވަގުތީ އަމުރެއް ކޯޓަށް ނެރެވޭނެއެވެ.

މީގެ އިތުރުން ކައުންޓަރފީޓްކުރުން ނުވަތަ ޓްރޭޑްމަރކް ކުރެވޭ މުދަލުގެ ނަކަލުތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭރުކުރުންވެސް ވަނީ މަނާކޮށްފައެވެ. މިފަދަ އަމަލެއް ކޮށްފި މީހަކަށް 100،000 ރުފިޔާ އާއި 2000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މި ބިލު ފާސްކޮށް، ތަޞްދީޤު ކުރުމާއެކު މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމަރކްތައް އަލުން ރަޖިސްޓްރީކުރަން 12 މަސް ދުވަހުގެ މުއްދަތެއް ދޭނެއެވެ. އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރެވިއްޖެނަމަ އެ ޓްރޭޑްމަރކްތައް އުވާލެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާނީވެސް ބިލު ތަޞްދީޤު ކުރައްވާ ތާރީޚުން ފެށިގެން 12 މަސް ދުވަހުގެ ފަހުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން