ޚަބަރު
ތުރުކީގެ ޢަސްކަރީ ބޯޓު ވެއްޓުނު ހާދިސާއާއި ގުޅިގެން ރައީސް މުޢިއްޒު ރައީސް އުރްދުޣާން އަށް ތަޢުޒިޔާ ފޮނުއްވައިފި
ރައީސް މުޢިއްޒު އަދި ރައީސް އުރްދުޣާން
ތުރުކީގެ ޢަސްކަރީ މުދާ އުފުލާ ބޯޓެއް ވެއްޓި، އެ ހާދިސާގައި 20 މީހަކު މަރުވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން އަށާއި އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒު މި ހިތާމަވެރި ވަގުތުގައި ތަޢުޒިޔާ ފޮނުއްވާފައިވަނީ އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ، މި ހާދިސާގައި މަރުވި ފަރާތްތަކުގެ ޢާއިލާތަކަށާއި، ތުރުކީގެ ސަރުކާރަށާއި، އެ ޤައުމުގެ އަޚްވަންތަ ރައްޔިތުންނަށް އެމަނިކުފާނުގެ އެންމެ ނުހަނު ފުން ތަޢުޒިޔާ އަރިސްކުރައްވާފައެވެ.
އެމަނިކުފާނު ވަނީ މި ހާދިސާގައި މަރުވި ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ. އަދި މަރުވި މީހުންގެ ޢާއިލާތަކަށް ކެތްތެރިކަމާއި ބާރު ދެއްވުން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ މިހާރު ކުރިއަށްދާ މީހުން ހޯދުމާއި ސަލާމަތްކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން އަވަހަށް އަދި ކާމިޔާބުކަމާއެކު ނިމިގެންދާނެކަމަށް އުންމީދު ކުރައްވާކަން ފާހަގަކުރައްވާފައެވެ.
މި ޤައުމީ ހިތާމައިގެ ވަގުތުގައި ދިވެހިރާއްޖެއިން ތުރުކީއާއެކު އެއްބައިވަންތަކަމާއެކު ދެމިތިބޭނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ތުރުކީގެ ރައީސް އުރްދުޣާންއަށް އަރުވާފައެވެ.