ކުޅިވަރު / ޚަބަރު

ފަލަސްތީންޓީމު ކުޅޭ މެޗުގެ ސްވެނިއަރ ޓިކެޓް ރައީސް ބައްލަވައިގެންފި

ފަލަސްތީންޓީމު ކުޅޭ މެޗުގެ ސްވެނިއަރ ޓިކެޓް ރައީސް ބައްލަވައިގެންފި

ރައީސް މުޢިއްޒު އަދި އެފްއޭއެމްގެ ރައީސް ޠާރިޤް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ނޮވެމްބަރު 2025، 11:46

13 ނޮވެމްބަރު 2025، 11:46

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗުގެ ސްވެނިއަރ ޕްލެޓިނަމް ޓިކެޓު ބައްލަވައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މި ޓިކެޓް ހަވާލުކޮށްދެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިޤެވެ. އެފްއޭއެމްއިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއްވެސް އަރުވާފައެވެ. 

"މިއީ ރައީސުލްޖުމްހޫރިއްޔާ ފަލަސްޠީނަށް ދެއްވާ އަހަންމިއްޔަތު ފެނިގެންދާ، އަދި އެމަނިކުފާނު ފަލަސްތީނުގެ ރައްޔިތުންނާއިއެކު ހުންނެވިކަން ހާމަކޮށްދޭ ކަމެކެވެ." އެފްއޭއެމްއިން ބުނެފައިވެއެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެންދަވަނީ ބައިނަލްއަވާމީ މައިދާނުގައި ފާޅުގައި ވާހަކަ ދައްކަވައި، ވަކާލާތު ކުރައްވަމުންނެވެ. ރައީސްގެ ހާއްސަ އިސްނެންގެވުމުގެ ދަށުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމަށް ރާއްޖޭގައި ކޭމްޕް ކުރެވޭނެ މަގު ވަނީ ތަނަވަސްކޮށްދެއްވާފައެވެ. ސަރުކާރުގެ ވަރަށް ބޮޑު އެދުމަކީ މިރެއާއި މާދަމާރޭ އޮންނަ ދެ މެޗަށް ވީހާވެސް ގިނަބަޔަކު ސްވެނިއަރ ޓިކެޓް ގަތުމެވެ.

މި މެޗުތަކުގެ ސްވެނިއަރ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓުބޯޅަ އަލުން ދިރުވާ ތަރައްޤީކުރުމަށް އެހީވުމުގެ ގޮތުން ފަލަސްޠީނު ފުޓުބޯޅަ އެސޯސިއޭޝަނަށެވެ. ޓިކެޓްގެ އަގުތަކަށް ބަލާއިރު، ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއް 1000 ރުފިޔާއަށް ވިއްކާއިރު، މިއީ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓެކެވެ (ޖުމްލަ 50 ޓިކެޓް). އަދި ސްވެނިއަރ ގޯލްޑް ޓިކެޓެއް 500 ރުފިޔާއަށް ވިއްކާއިރު، މިއީ ވީއައިޕީ ގޮނޑިބަރީގެ ޓިކެޓެކެވެ (ޖުމްލަ 200 ޓިކެޓް).

އެފްއޭއެމްއިން ހާމަކުރެއްވި ގޮތުގައި، މި ދެމެޗަށް ސްވެނިއަރ ޓިކެޓު ވިއްކި ނަމަވެސް، މެޗުތައް ބަލަން ބޭނުންވާ އާންމު ފަރާތްތަކަށް ހިލޭ ދަނޑުގެ ގޮނޑިބަރިއާއި ސިޑިބަރިއަށް ވަދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މި ދެ މެޗަކީ ފަލަސްޠީނުގެ ފުޓުބޯޅައަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖެއިން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން