ޚަބަރު
ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް ގޮވާލުމުގައި ސާބިތުވެ ތިބޭނަން: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ފަލަސްޠީންގެ ރައީސް ޑރ. މަޙްމޫދު ޢައްބާސް---
ފަރުދުން
15 ނޮވެމްބަރު 2025، 11:50
15 ނޮވެމްބަރު 2025، 11:50
ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް ގޮވާލުމުގައި ސާބިތުކަމާއެކު ދިވެހިން ދެމިތިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ފަލަސްޠީންގެ މިނިވަން ދުވަހުގެ މުނާސަބާގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އަބަދުވެސް ދެމިތިބޭނެކަމަށެވެ. އަދި އެ ޤައުމަށް ފުރިހަމަ މިނިވަންކަމާއި ސިޔާދަތީ ބާރު ލިބިދިނުމަށް ވަކަލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.
On this Anniversary of the Declaration of Independence of the State of Palestine, I wish to emphasise the Maldives’ continued commitment to support the Palestinian cause for statehood and self-determination Rest assured, the people and the Government of the Maldives will always… pic.twitter.com/lMOuuWAaU4
— Dr Mohamed Muizzu (@MMuizzu) November 15, 2025
އެގޮތުން އެ މަނިކުފާނު ވަނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައެޅިގެން ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ކުޑަވެސް ފަސް ޖެހުމެއް އޮވެގެން ނުވާނެކަމަށް ބައިނަލްއަޤުވާމީ ދުނިޔެއަށް ވެސް ގޮވާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފަލަސްޠީންގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްއަށާއި، ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާއަށާއި، ރައްޔިތުންނަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވާފައި ވެއެވެ.
ފަލަސްޠީނުގެ މިނިވަން ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު އެ ޤައުމުގެ މިނިވަންކަން އިޢުލާންކުރި ދުވަހާ ގުޅުވައިގެންނެވެ. ނަމަވެސް މި ތާރީޚުގެ ފަހުން ފަލަސްޠީނުގެ ބިންތަކުގައި ޤާއިމުވެގެންތިބި ޔަހޫދީންދަނީ ފަލަސްޠީންގެ ބިންތަކަށް އެކި ވަރުގެ ޙަމަލާތައް ދީ، އެ ޤައުމުގެ ބިންތައް ހިފައި، ފަލަސްޠީންގެ ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމުތައް ހިންގަމުންނެވެ.