Ads by Stelco

ޚަބަރު

އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަނީ

އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަނީ

މުޅި ރާއްޖޭގައި އޭޓީއެމް" ބެހެއްޓުމުގެ މަޝްރޫޢުގެ ތެރެއިން މާއެނބޫދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުން / ފޮޓޯ: ބީއެމްއެލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 ނޮވެމްބަރު 2025، 07:32

15 ނޮވެމްބަރު 2025، 07:32

މިހާރު ބޭންކް އޮފް މޯލްޑިވްސްގެ ޔޫއެސް ޑޮލަރު އޭޓީއެމް ޤާއިމްކޮށްފައިވާ ރަށްތަކުގެ އިތުރަށް، 2026ވަނަ އަހަރުގެ މާރިޗު މަހުގެ ކުރިން 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ހުކުރު ދުވަހުގެރޭ އާރޓިފިޝަލް ބީޗްގައި ބޭއްވި "ދިވެހީންގެރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގައި ނުވަތަ ސިޓީތަކުގައި ނުވަތަ އަތޮޅުގެ ވެރިކަންކުރާ ރަށްރަށަށް އެކަނި ތަރައްޤީ ގެނަސްދީގެން ހަޤީޤީ މާނައިގައި ޤައުމު ތަރައްޤީ ނުކުރެވޭނެކަމަށާއި، ހުރިހާ ރަށެއް ވެސް އެ މަނިކުފާނަށް ހަމަހަމަ ކަމުގައެވެ. އެ ހުރިހާ ރަށެއްގައި އޭޓީއެމްތައް ބެހެއްޓީ ވެސް އެހެންވެގެން ކަމުގައި ވިދާޅުވިއެވެ.

ތަރައްޤީ ހާޞިލް ކުރުމުގައި އަޅުގަނޑުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ހަމަހަމަކަން. ހަމަހަމަކަން ގެނަސްގެން ނޫނިއްޔާ ހަޤީޤީ މާނައިގައި ޤައުމަށް ހަމަޖެހުމެއް ވެސް ނާންނާނެ، ތަރައްޤީ އެއްވެސް ނާންނާނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އެގޮތުން ރުފިޔާގެ މުޢާމަލާތްތައް ކުރެވޭ އޭޓީއެމްތަކުގެ އިތުރަށް، ޔޫއެސް ޑޮލަރުން މުޢާމަލާތް ކުރެވޭ އޭޓީއެމްތައް ޤާއިމް ކުރައްވަން ފައްޓަވާފައިވަނީ ހަމަހަމަ އުސޫލެއްގެ ދަށުން ވިޔަފާރިތައް ކުރިއެރުވުމަށްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. 

މިއަންނަ އަހަރުގެ މާރިޗު މަހާ ހަމައަށް ދާންވާއިރަށް އިތުރު 70 ރަށުގައި ޑޮލަރު އެއްޓީއެމް ބަހައްޓާނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި ބުރުގައި ޑޮލަރު އޭޓީއެމްތައް ބަހައްޓާ ރަށްތަކުގެ ތެރޭގައި ހިމެނޭނީ ޓޫރިސްޓު ގެސްޓްހައުސް އެންމެ ގިނަ ހުރިހާ ރަށަކާއި، ވެރިކަންކުރާ ރަށްތަކާއި، އާރބަން ސެންޓަރުތަކާއި އަދި އާބާދީއަށް ބަލާއިރު 2،000އަށް ވުރެ އާބާދީ ބޮޑު ހުރިހާ ރަށެއްގައި ކަމަށެވެ.

"މުޅި ރާއްޖޭގައި އޭޓީއެމް" ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ވަނީ މިދިޔަ މަހުގެ ނިޔަލަށް ދިވެހި ރުފިޔާއިން މުޢާމަލާތް ކުރެވޭ 105 އޭޓީއެމް މީހުން ދިރިއުޅޭ ރަށްތަކުގައި ބަހައްޓާފައެވެ. މި މަސައްކަތް ބޭންކް އޮފް މޯލްޑިވްސްއިން ނިންމާފައިވަނީ، 9 މަސް ދުވަހުގެ ތެރޭގައެވެ. މިއާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްވެސް އަސާސީ ބޭންކިންގ ޚިދުމަތް ލިބިގެންދާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން