ކުޅިވަރު / ޚަބަރު
މިދިޔަ މަހު މަންދޫގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް، އެ ރަށު ފުޓްސަލް ދަނޑު ނިންމުމަށްފަހު މިއަދު ހުޅުވައިފި
މަންދޫގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
15 ނޮވެމްބަރު 2025، 07:56
15 ނޮވެމްބަރު 2025، 07:56
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ މަހު އދ. މަންދޫއަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވި ފަދައިން، އެ ރަށުގައި ފުޓްސަލް ދަނޑެއް ތަރައްޤީކޮށް ނިންމައި، މިއަދު އެ ދަނޑު ހުޅުވައިދެއްވައިފިއެވެ.
މިއީ މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު މަންދުއަށް ވަޑައިގަތުމުން، އެ ރަށުގައި ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދެއްވައި މި ނޮވެންބަރު މަހުގެ ނިޔަލަށް ނިންމަވައިދެއްވުމަށް ރަށުގެ ރައްޔިތުން އެދިވަޑައިގެންނެވުމުން ފެއްޓެވި މަސައްކަތެކެވެ.
މި މަސައްކަތް ސަރުކާރުން ކުރިޔަށް ގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ. އަދި އެ ރަށުގެ ރައްޔިތުން އެދުނު ގޮތަށް، ކުރު މުއްދަތެއްގެ ތެރޭގައި ދަނޑު ތަރައްޤީކޮށް، ލައިޓް ޖަހައި، މިއަދު މިވަނީ ހުޅުވާފައެވެ.
މި ދަނޑު ހުޅުވާދެއްވުމަށް މަންދޫ ޒުވާނުންގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށަށް ވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ވަޒީރުންނާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހުރިއްޔާ ވަނީ ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި ރަހުމަތްތެރިކަމުގެ ފުޓްސަލް މެޗުގައި ބައިވެރިވެވަޑައިގެންފައެވެ. އެ މަނިކުފާނުގެ ޓީމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމާއި ދެކޮޅަށް ކުޅުނީ މަންދޫ ރައްޔިތުންގެ ޓީމެކެވެ.