ރިޕޯޓް

ސަރުކާރަށް 104 ހަފުތާ: މަސްވެރިކަމުގެ ޞިނާޢަތަށް ގެނުވީ ކުލަގަދަ ތަރައްޤީ

ސަރުކާރަށް 104 ހަފުތާ: މަސްވެރިކަމުގެ ޞިނާޢަތަށް ގެނުވީ ކުލަގަދަ ތަރައްޤީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.

farudhun logo

ފަރުދުން

17 ނޮވެމްބަރު 2025، 12:59

17 ނޮވެމްބަރު 2025، 12:59

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް މިއަދަށް 2 އަހަރު (104 ހަފުތާ) ފުރޭއިރު، އެ މަނިކުފާނުގެ ސަރުކާރަށް ވޭތުވި މި ކުރު މުއްދަތުގެ ތެރޭގައި، އެކި ދާއިރާތަކުން ރާއްޖޭގެ ތަރައްޤީއަށް ވަނީ އިންޤިލާބީ ބަދަލުތަކެއް ގެނުވާފައެވެ. މި ގޮތުން، ދިވެހި އިޤުތިޞާދުގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ޞިނާޢަތަށް ވެސް، ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ އައިސްފައެވެ.

މަސްވެރިކަމުގެ ދާއިރާ ކޮޅަށް ޖެއްސެވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމާ އެކު މަސްވެރިކަމުގެ ޞިނާޢަތު ކުރިއަރައި ދިޔައީ، އެ ކަމުގެ މަގު ވާވެފައިވަނިކޮށް، ރައީސް އެ މަގު ކޮއްޓަވައި، އަލިކުރެއްވެމަށް ކުރެއްވި މަސައްކަތުންނެވެ. އެހެނީ، އެ މަނިކުފާނު ޤައުމުގެ ރިއާސަތަށް އިންތިޚާބުވެވަޑައިގަތްއިރު، މަސްވެރިކަމާ ބެހޭ މައި ކުންފުނި ކަމުގައިވާ މިފްކޯ އޮތީ، 250 މިލިޔަން ރުފިޔާގެ ދަރަންޏަކުން މަސްވެރީންނަށް ދަރާފައެވެ. ނަމަވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް އަހަރު ދުވަސް ފުރެންވީއިރަށް، މި ދަރަނިތައް އޮތީ، އަދާކޮށް ނިންމައި ޚަލާޞްކުރެވިފައެވެ. މަސްވެރިކަމުގެ ދާއިރާގެ އިނދަޖެހިފައިވީ މާލިއްޔަތު ކޮޅަށް ޖެހުނީ އެ ޙިސާބުންނެވެ. 

އަޅުގަނޑު ވަޢުދުވިން 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭ ގޮތަށް ކަންތައްތައް އިންތިޒާމުކުރާނަމޭ. އެ ކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ޙާޞިލުވި، ޑިސެންބަރު 10... މިދިޔަ މަސްވެރީންގެ ދުވަސް އައި އިރަށް.

ރައީސުލްޖުމްހޫރިއްޔާ، "ރައްޔިތުންނާ އެކު" ޕޮޑްކާސްޓް، އެޕިސޯޑް 4

މަސްވެރީންނަށް އެ މީހުންގެ ޙައްޤު އުޖޫރަ ދިނުން މިދިޔަ ސަރުކާރުން ފަސްކޮށްފައިވީއިރު، ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނުންފުޅުން ހިތްތެވީ، އެ ފަދަ ކަމެއް ތަކުރާރުވިޔަ ނުދެއްވުމަށެވެ. މި ގޮތުން، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ނިންމެވީ، މަސްވެރީން މަސް ބައިގެން ކިރާތާ ލަސްވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ޙަވާލުކުރެވޭ ފަދަ ނިޒާމެއް އެކުލަވައިލެއްވުމަށެވެ. މިއީ ރައީސް ޑރ. މުޢިއްޒުގެ ރިއާސީ ވަޢުދުފުޅެއް ކަމުގައިމެ ވާއިރު، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 10 ކަމުގައިވީ މަސްވެރީންގެ ދުވަހު މި އިޞްލާޙު ވަނީ ރަސްމީކޮށް ތަޢާރަފުކޮށްފައެވެ. ރައީސް ޑރ. މުޢިއްޒުގެ މި ނިންމެވުމާ އެކު، މަސްވެރީންނަށް ފައިސާ ނުދިނުމުގެ ބޮޑުވެފައިވީ މައްސަލައަށް ލިބިގެންދިޔައީ ދެމިގެންދާ ޙައްލެކެވެ.

މާދަމައިން ފެށިގެން ބީ.އެމް.އެލް.ގައި އެކައުންޓެއް އޮވެއްޖެ ނަމަ، ކޮންމެ މަސް ދޯންޏަކަށް އެ ދޯންޏަކުން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކުރުމުގެ ކަންތައް އެ އޮތީ ހަމަޖައްސައިދީފައި

ރައީސުލްޖުމްހޫރިއްޔާ، ކ. ގާފަރު ރައްޔިތުންނާ މުޚާޠަބުކުރައްވަމުން، 10 ޑިސެންބަރު 2024

ރައީސްގެ "48 ގަޑި ވަޢުދުފުޅު" ތަންފީޒުކުރެވެން ފެށުމުން، މަސްވެރީންނަށް ބަރާބަރަށް ފައިސާ ދެވެން ފެށިއެވެ. މި ގޮތުން، މި 2025ވަނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި އެކަނި، 379.3 މިލިޔަނަށް ވުރެ ގިނަ ރުފިޔާ މަސްވެރީންނަށް ވަނީ ދޫކޮށްފައެވެ. އަދި ވެރިކަން ފެށުނީއްސުރެ މި މުއްދަތާ ހަމައަށް ބަލާނަމަ، އެ ޢަދަދު 381.3 މިލިޔަން ރުފިޔާއަށް އަރައެވެ. އަދި މި އަހަރުގެ މެއި މަހާ ހަމައަށް 500 މިލިޔަން ރުފިޔާއަށް މި ޢަދަދު ވަނީ އުފުލިފައެވެ.


މަސް ކިރުމާއި، މަހުގެ އުފެއްދުންތައް ބޭރުކުރުން

ރައީސް ޑރ. މުޢިއްޒުގެ ވެރިކަމަށް މިވީ މުއްދަތުގައި، މަސް ކިރާ މިންވަރާއި، މަހާއި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް ފޮނުވާ ފޮނުވުން ވެސް އިތުރުވެފައިވެއެވެ. މި ގޮތުން، މި އަހަރުގެ އިހު 3 މަހު 24،902 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 23،644.2 ޓަނު ކިރުވާފައިވާއިރު، މި އަހަރުގެ ޢަދަދު މިއަށް ވުރެ 5.3 އިންސައްތަ އިތުރެވެ. ކަޅުބިލަމަހަކީ ރާއްޖެއިން ބޭރުކުރާ މަސްދަޅު އުފެއްދުމަށް ބޭނުންވާ މައިގަނޑު އަސާސް ކަމުގައި ވާއިރު، މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހު ކަނޑުމަހުގެ މަސްވެރިކަމަށް ލިބިފައިވާ ކުރިއެރުން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. މި ގޮތުން، މިދިޔަ އަހަރުގެ އެ މުއްދަތުގައި ކިރާފައިވާ 19،900.1 ޓަނުގެ ކަޅުބިލަމަހަށް ވުރެ، މި އަހަރުގެ ޢަދަދު ކަމުގައިވާ 21،269.2 ޓަނު 6.9 އިންސައްތަ އިތުރެވެ.

މި އަހަރު ބައިނަލްއަޤުވާމީ ވިޔަފާރީގެ ގޮތުން ރާއްޖެއިން ބޭރުކޮށްފައިވާ މަހުގެ މިންވަރަށް ވެސް ހެޔޮ ބަދަލެއް ވަނީ އައިސްފައެވެ. މި ގޮތުން، މަހުގެ އުފެއްދުންތަކުގެ 21،599.4 ޓަނު މި 2025ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ވަނީ ބޭރުކޮށްފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ބޭރުކުރި 14،259.9 ޓަނާ އަޅާބަލާއިރު މިއީ 51.1 އިންސައްތައިގެ ބޮޑު ފަރަޤަކުން އުފުލިފައިވާ ޢަދަދެކެވެ. މަހުގެ ބާވަތްތަކަށް ބަލައިލާއިރު، އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ ކަޅުބިލަމަސް ބޭރުކުރި ޢަދަދަށެވެ. އެހެނީ، މި އަހަރުގެ ފުރަތަމަ 3 މަހުގައި 16،323.4 ޓަނުގެ ރޯ ކަޅުބިލަމަސް ޚާރިޖީ ޤައުމުތަކަށް ފޮނުވާފައިވާއިރު، މިއީ އިސްވެދިޔަ 2024ވަނަ އަހަރު އެކްސްޕޯޓުކުރި 9،107.1 ޓަނަށް ވުރެ 64.9 އިންސައްތަ ބޮޑު ޢަދަދެކެވެ. މީގެ އިތުރުން، އިސްވެ ދެންނެވުނު މުއްދަތުގައި ރީނދޫ އުރަހަ ކަންނެލީގެ 3،250.1 ޓަނު ވަނީ ބޭރުކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ 3 މަހު ބޭރުކުރި 2،899.9 ޓަނަކީ މި އަހަރުގެ ޢަދަދަށް ވުރެ 5.2 އިންސައްތަ ދަށް ޢަދަދެކެވެ.

ދެންމެ މި ބަޔާންކުރި ޢަދަދުތަކަކީ ހަމައެކަނި މި އަހަރު ފެށުނުކޮޅު އައި ބަދަލުތަކެވެ. ނަމަވެސް އަހަރުގެ ފަހުކޮޅުގެ ޙިސާބުތަކަކީ އަދި މާ ޙައިރާންކުރަނިވި ޢަދަދުތަކެކެވެ. މި ގޮތުން، އިހަށް ސެޕްޓެންބަރު މަހު މި އަހަރުގެ 4 ބައި ކުޅަ 3 ބައި ވޭތުވުމާ ގުޅިގެން ސަރުކާރުން ޝާއިޢުކުރެއްވި ޙިސާބުކިތާބުން ދައްކާ ގޮތުގައި، މި އަހަރު ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް މަސް އެކްސްޕޯޓުކުރި ޖުމްލަ މިންވަރު ވަނީ 61،452.3 ޓަނަށް އުފުލިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރީ އެންމެ 32،042.4 ޓަނެވެ. ވުމާ އެކު، މި އަހަރުގެ ޢަދަދު ވަނީ 2 ގުނައާ ގާތްކުރާ މިންވަރަކަށް އިތުރުވެފައެވެ. މީގެ އިތުރުން، ސެޕްޓެންބަރު މަހުގެ ނިޔަލަށް މަސް ކިރުވި މިންވަރު ވަނީ 75.9 އިންސައްތަ އިތުރުވެފައެވެ. މީގެ ތެރެއިން ކަޅުބިލަމަހުގެ ޢަދަދަށް އައިސްފައިވަނީ 88.3 އިންސައްތައިގެ އުފުލުމެކެވެ.


މަސްވެރީންގެ ޤައުމީ ދަފްތަރު

މަސްވެރިކަމުގެ ދާއިރާ ތަރުތީބުކުރުމުގެ އަމާޒުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގަތް ކަންކަމުގެ ތެރޭގައި، މަސްވެރީންގެ ޤައުމީ ދަފްތަރެއް އެކުލަވައިލުން ހިމެނިގެންވެއެވެ. ރާއްޖޭގައި ޤައުމީ މަސްވެރީންގެ ރަޖިސްޓްރީއެއް ބޭއްވުމުގެ މަޤުޞަދަކީ، މަސްވެރީންގެ ޙިސާބުތައް ރަސްމީކޮށް ބެލެހެއްޓި، މަސްވެރިކަމުގެ ކަންކަން އިތުރަށް ހަރުދަނާކުރެވި، އިދާރީ ވަޒީފާތައް އަދާކުރާ ފަރާތްތަކުގެ އިތުރުން މަސްވެރީންނަކީ ވެސް މުޢުތަބަރު މަސައްކަތެއް ކުރާ ބައެއްގެ ގޮތުގައި ބަލައިގަނެވި، މަސްވެރީންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެން ދިޔުމަށް މަގު ފަހިކުރުމެވެ. މި ސަބަބުތަކަށްޓަކައި ސަރުކާރުން މަސްވެރީންގެ ދަފްތަރެއް އުފެއްދެވިކަން ރައީސް ހާމަކުރެއްވީ، 10 ޑިސެންބަރު 2023ގައެވެ. އެއަށް ފަހު، ޢާންމުން ދަފްތަރުގައި ނަން ޖެއްސުމަށް ހުޅުވައިލީ، 2024ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16ވަނަ ދުވަހުގައެވެ.

ބޭންކުތަކުން އެހެން އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭ ލުއި ލޯންތަކާއި ލުއި ސްކީމްތައް ފަދަ ހުރިހައި ލުޔެއް މަސްވެރީންގެ ދަފްތަރު ފުރިހަމަކުރެވިގެން ދާއިރު މަސްވެރީންނަށް ވެސް ލިބޭނެ.

މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް، މަސްވެރީންގެ ދަފްތަރު އިފްތިތާޙުކުރުމުގެ ޖަލްސާ، 16 ޑިސެންބަރު 2023

މަސްވެރީންގެ ދަފްތަރުގައި ރެޖިސްޓަރވުމަށް ހުޅުވައިލުމުން، މިދިޔަ 2024ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ރާއްޖޭގެ 2 ބައި ކުޅަ 1 ބައި މަސްއޮޑިފަހަރު އޮތީ ލިސްޓުގައި ނަން ޖައްސާފައެވެ. އޭގެ ފަހުން މާ ގިނަ ދުވަސްތަކެއް ނުވަނީސް، ޖެހިގެން އައި އޮކްޓޫބަރު މަހުގެ ކުރީކޮޅު ސަރުކާރުން ހާމަކުރެއްވީ، ދިވެހި މަސްއޮޑިފަހަރުގެ 70 އިންސައްތަ ރެޖިސްޓަރވެއްޖެ ކަމަށެވެ. އަދި 2024ވަނަ އަހަރުގެ ނޮވެންބަރު މަހު އިޢުލާނުކުރެވުނީ، 2،260 ވަރަކަށް މަސްވެރީން ލިސްޓުކުރެވިފައިވާ ކަމަށެވެ. މި ކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ދެއްވި މަޢުލޫމާތުގައި ޙިއްޞާކުރެއްވީ، ރާއްޖޭގައި މަސްބާނަމުންދާ އޮޑިފަހަރުގެ 95 އިންސައްތަ އުޅަނދު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެއީ މި އަހަރުގެ އެޕްރީލް މަހު، "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. 

ރާއްޖޭގެ މަސްވެރީންގެ ދަފްތަރުގައި ނަން ޖެއްސުމަށްޓަކައި، މަސްވެރިމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރެވުނެވެ. "ކެޔޮޅު"ގެ ނަން ދެވިފައިވާ މި އެޕްލިކޭޝަން މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެމެ، ފަސޭހަކަމާ އެކު ދަފްތަރުގައި ނަން ޖެއްސޭ ގޮތަށް ހަމަޖެއްސުނެވެ. މީގެ އިތުރުން، ރާއްޖޭގެ މަސްވެރީންނާއި މަސްއުޅަނދުފަހަރާ ބެހޭ މުހިންމު މަޢުލޫމާތު އެއްކުރުމަށްޓަކައި، ވުޒާރާގެ ވަފްދުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަނީ ދަތުރުކޮށްފައެވެ. ރައީސްގެ އަމުރުފުޅުގެ ދަށުން ވުޒާރާއިން ކުރެއްވި މި މަސައްކަތުގެ ސަބަބުން، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އެއް ވިޔުގައަކުން ގުޅައިލެވި، ތަހުޒީބުކުރެވިގެން ދިޔައެވެ.

މަސްވެރީންގެ ދަފްތަރަކީ ހަމައެކަނި ނަންތަކަކާއި ޙިސާބު ޢަދަދުތަކެއް ހިމެނޭ ލިސްޓަކީއެއް ނޫނެވެ. އެ ދަފްތަރުގެ ކޯޅިތަކުން މަސްވެރީން ދަނީ މޭވާތައް ބިންނަމުންނެވެ. މި ގޮތުން މި ދަފްތަރުގެ އެންމެ ފާހަގަކޮށްލެވޭ ލާބައަކީ، މަސްވެރިކަމާ ބެހޭ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން، މި އަހަރުގެ އެޕްރީލް މަހުގެ 28ވަނަ ދުވަހު ތަޢާރަފުކުރި ލޯން ސްކީމްގެ މަޝްރޫޢެވެ. މި ލޯން ސްކީމްގެ ދަށުން މަސްވެރީންނަށް ރަހުނަކާ ނުލައި 3 ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާއިރު، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކުރިމަތިލި 62 މަސްވެރީންގެ ތެރެއިން ދަފްތަރުގައި ނަން ޖައްސާފައިވާ 25 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވެއެވެ. މި ލޯނަކީ މަސްވެރީންނަށް ޚާއްޞަކޮށްގެން ފަރުމާކުރެވިފައިވާ ލޯނަކަށްވުމާ އެކު، މަސްވެރިކަން ހީނަރުވާ ދުވަސްވަރު ލޯނަށް ދައްކާން ޖެހޭ ފައިސާ މަދުކުރެވި، މަސްވެރީންގެ މާލީ ޙާލަތަށް ރިޢާޔަތްކުރުމާ އެކުގައި ލޯނުން ދައްކާން ޖެހޭ މިންވަރުތައް ކަނޑައެޅިގެންދާނެ ކަމަށް ވުޒާރާއިން ހާމަކުރެއްވިއެވެ. އިދާރީ ވަޒީފާތަކާ ޚިލާފަށް މަސްވެރިކަމަކީ ޤުދުރަތީ ނިޒާމަށް ބަރޯސާވާ މަސައްކަތަކަށްވާއިރު، އަނބުރާ ދެއްކުމުގެ ކުޅަދާނަކަން މަސްވެރީންނަށް ލިބިގެންދާ ފަދަ ގޮތަކަށް ސަރުކާރުން މިވަނީ ޚާއްޞަ ލޯނުގެ ފުރުޞަތުތަކެއް ފަހިކޮށްދެއްވާފައެވެ.


ޢުމްރާނީ ވަސީލަތްތަކަށް ގެނުވި ތަރައްޤީ

 ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވޭތުވި މި މުއްދަތުގެ ތެރޭގައި، މަސްވެރިކަމުގެ ޞިނާޢަތުގެ ޢުމްރާނީ ވަސީލަތްތައް ވެސް އާ ހަރުފަތަކަށް ވަނީ ވާޞިލުކުރުވާފައެވެ. މި ގޮތުން، އައިސް ޕްލާންޓްތަކާއި އައިސް ސްޓޯރޭޖް ފެސިލިޓީތައް ދ. އަތޮޅު މީދޫ، ބަނޑިދޫ، އަދި ށ. އަތޮޅު ފުނަދޫގައި ޤާއިމުކުރުމުގެ މަސައްކަތް 2024ވަނަ އަހަރުގެ ސެޕްޓެންބަރު މަހުތެރޭ ފެށުނެވެ. މަޝްރޫޢު ޙަވާލުކުރިތާ ގާތްގަނޑަކަށް އަހަރު ދުވަސް ފަހުން، ފުނަދޫގައި ބިނާކުރި އައިސް ޕްލާންޓް ހުޅުވާފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 15ވަނަ ދުވަހުގައެވެ. އަދި މީދުއާއި ބަނޑިދޫ އައިސް ޕްލާންޓުތައް އިފްތިތާޙުކުރީ، އޮކްޓޫބަރު މަހުގެ 30ވަނަ ދުވަހުގައެވެ. މިއީ އެ 2 އަތޮޅުގެ މަސްވެރީންނަށް ވަރަށް މަންފާކުރަނިވި މަޝްރޫޢެކެވެ. މިއިން ކޮންމެ އައިސް ޕްލާންޓެއްގައި 50 ޓަނުގެ ގަނޑުފެން ރައްކާކުރެވޭއިރު، ދުވާލަކު 30 ޓަނުގެ ގަނޑުފެން އުފެއްދުމުގެ ޤާބިލިއްޔަތު މި ޕްލާންޓުތަކަށް ލިބިގެންވޭމެއެވެ.

 

މަސްވެރިކަމުގެ ވަސީލަތްތަކަށް ގެނެވުނު ފާހަގަކޮށްލެވޭ އިތުރު ކުރިއެރުންތަކުގެ ތެރޭގައި، ގދ. އަތޮޅު ގައްދޫ އައިސް ޕްލާންޓު އަޕްގްރޭޑްކުރުން ހިމެނެއެވެ. ދުވާލަކު 25 ޓަނުގެ ގަނޑުފެން އުފައްދަމުން އައި އެ ޕްލާންޓު 2 ގުނަ ވަރުގަދަކޮށް، ދުވާލެއްގެ މައްޗަށް 50 ޓަނުގެ ގަނޑުފެން އުފެއްދޭ ވަރަށް ތަރައްޤީކުރީ، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. މިއާ ވިދިގެން، 2025ވަނަ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން ނިންމެވީ، ފެނަކަ ކޯޕަރޭޝަންގެ ޙަވާލުގައި ހުރި އައިސް ޕްލާންޓުތައް ވެސް މިފްކޯއަށް ދިނުމަށެވެ. ފެނަކައިގެ ބެލުމުގެ ދަށުގައި ހުރި 14 އައިސް ޕްލާންޓެއް މިފްކޯއާ ޙަވާލުކުރީ، އެ ޕްލާންޓުތަކުން އުފައްދާ ގަނޑުފެން މަސްވެރީންގެ ބޭނުންތަކާ ނުބައްދަލުވެފައިވީ މައްސަލައަށް ޙައްލެއް ގެނައުމަށެވެ. މި ނިންމުމުގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވަމުން އަންނަ މަސްވެރީންގެ ބޭނުންތަކާ އެކަށޭނަ މިންވަރަށް ގަނޑުފެން ފޯރުކޮށްދެވެން ފެށިއެވެ.

މަސްވެރިކަމާ ބެހޭ ޢުމްރާނީ ތަރައްޤީގެ ތަފްޞީލުތައް ބަޔާންކުރާއިރު، ރާއްޖޭގެ ދެކުނުގައި ހިނގަމުންދާ ބައެއް މަޝްރޫޢުތައްމެ ނަންގަތުން މުހިންމެވެ. މި އަހަރުގެ އޯގަސްޓު މަހު މިފްކޯއިން ޏ. އަތޮޅު ފުވައްމުލަކުން މަސް ގަންނާން ފަށާފައިވާއިރު، މި އަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާ މަސް ޕޮރޮސެސްކުރާ ފެސިލިޓީއެއް އެ ރަށުގައި ދަނީ ޢިމާރާތްކުރަމުންނެވެ. މީގެ އިތުރުން، އައްޑޫގައި މެރިޓައިމް އެންޑް ލޮޖިސްޓިކްސް ހަބްއެއް ބިނާކުރުމާ ގުޅޭ އެއްބަސްވުމެއްގައި ޗައިނާއާ އެކު ވަނީ ސޮއިކޮށްފައެވެ. ކުރިއަށް އޮތް 2026ވަނަ އަހަރުގެ މެދަކާ ހަމައިގައި މި ހަބް ތަރައްޤީކޮށް ނިމުމުން، ސީދާ އައްޑުއިން މަސް ބޭރުކުރުމުގެ ފުރުޞަތު ދެކުނުގެ މަސްވެރީންނަށް ފަހިވެގެން ދާނެއެވެ.

 މި މަޤާމުގައި ފާހަގަކޮށްލުން ލާޒިމު އަނެއް މަޝްރޫޢަކީ، ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ކަންނެލި ޕެކިންގ ފެސިލިޓީއެވެ. މި މަޝްރޫޢަށް ބޭނުންވާ ބިން މިހާރު ޙަވާލުކުރެވިފައިވާއިރު، އިސްލާމިކް ބޭންކުން ދޫކުރި 65 މިލިޔަން ޑޮލަރުގެ ލޯނުގެ އެހީގައި ތަރައްޤީކުރާ މި ފެސިލިޓީން، ދުވާލަކު 35 ޓަނުގެ ކަންނެލި ޕްރޮސެސްކުރެވޭނެއެވެ. ފެށެން މި އުޅޭ 2026ވަނަ އަހަރުގެ މެދުތެރޭގައި ނިންމައިލެވޭނެ ކަމަށް ލަފާކޮށްފައިވާ މި މަޝްރޫޢު ވެގެންދާނީ، މާލެ ސަރަޙައްދުގައި މަސްވެރިކަމުގެ ވަސީލަތްތަކަށް ލިބޭ މުހިންމު ކުރިއެރުމަކަށް ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.


ދެމެހެއްޓެނިވި މަސްވެރިކަމަކާ ދިމައަށް

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަށް ވެސް ސަރުކާރުގެ ފަރާތުން މުހިންމު މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ އެކި ޙިސާބުތަކުގައި 22 އާ ކަނދުފަތި ޤާއިމުކުރުމެވެ. އެއީ 2024ވަނަ އަހަރު ޤާއިމުކުރި 12 ކަނދުފައްޗާއި، މި އަހަރު ޤާއިމުކުރި 10 ކަނދުފައްޗެވެ. މީގެ ތެރޭގައި ދޮށީ ކަނދުފައްޗާއި، ވަދު ކަނދުފަތި ހިމެނޭއިރު، ރާއްޖޭގައި ޖުމްލަ ހަރުކުރެވިފައިވާ ކަނދުފަތިތަކުގެ ޢަދަދު 101އަށް ވަނީ ވާޞިލުވެފައެވެ. މީގެ އިތުރުން، ވަދު ކަނދުފަތިތަކުގެ 1 މޭލު ވަށަމިނުގައި އަތުނަނާއި ދޮށީގެ މަސްވެރިކަން ހުއްދަވާ ގޮތަށް ޤަވާޢިދަށް ވަނީ އިޞްލާޙު ގެނެސްފައެވެ. ހަމަ އެހެންމެ، މަސްވެރިކަމުގެ ލޮޖިސްޓިކްސް ރަނގަޅުކުރުމަށްޓަކައި މި އަހަރުގެ އެޕްރީލް މަހު ބިން ޙަވާލުކޮށް، ށ. އަތޮޅު ފުނަދޫގައި ދަނީ ކަނދުފަތި (އެފް.އޭ.ޑީ.) މަރުކަޒެއް ބިނާކުރަމުންނެވެ. ހުޅުމާލޭގައި ހުންނަ މަރުކަޒާ އެކު މިއީ ރާއްޖޭގައި ތަރައްޤީކުރެވޭ އެފަދަ ދެވަނަ މަރުކަޒެވެ.

 

ދެމެހެއްޓެނިވި މަސްވެރިކަމަކާ ދިމައަށް ސަރުކާރުން އެޅުއްވި އަނެއް ފިޔަވަޅަކީ އެކުއަކަލްޗަރ ޒޯންތައް އިތުރުކުރުމެވެ. މި ގޮތުން، އޮކްޓޫބަރު 2024ގައި ސަރުކާރުން ވަނީ އިތުރު 4 މެރިކަލްޗަރ ޑިވެލޮޕްމެންޓް ޒޯނުތަކެއް އިޢުލާނުކުރައްވާފައެވެ. އެއީ ހދ.، ށ.، ރ.، އަދި ތ. އަތޮޅުގައެވެ. މީގެ އިތުރުން، މި އަހަރުގެ މެއި މަހު އެކުއަކަލްޗަރ ރެގިއުލޭޝަން ޤަވާޢިދެއް ވެސް އެކުލަވައިލެވިފައިވެއެވެ.

ފާއިތުވި 2 އަހަރުގެ ތެރޭގައި މަސްވެރިކަމަށް ލިބުނު އިތުރު ކުރިއެރުންތަކުގެ ތެރޭގައި، އެސް.ޑީ.އެފް.ސީ. އާއި އިސްލާމިކް ބޭންކުން ދޫކުރާ އާރް.އެސް.ޑަބްލިއު. ލޯނުތައް ހިމެނެއެވެ. 1 ލައްކަ އާއި 2 މިލިޔަން ދިވެހި ރުފިޔާއާ ދެމެދުގެ ޢަދަދުތަކަށް ދޫކުރާ މި ލޯނަކީ، ކަނޑުގެ ލޮނު ބޭނުންކޮށްގެން މަސް ތާޒާކަންމަތީ ދެމެހެއްޓޭ ފަދަ ވަސީލަތެކެވެ. މި ސިސްޓަމްތަކުގައި ސޯލާ ޕެނަލް ހުންނައިރު، ލޯނަށް އެދި 85 ފަރާތަކުން ހުށަހެޅުމުން، 33 ފަރާތެއް ޝަރުޠު ހަމަވެފައިވެއެވެ. މި 33 މަސްވެރީންނަށް ޖުމްލަ 34 މިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 23.7 މިލިޔަން މިހާރު ދޫކޮށްފައިވާ ކަމަށް، މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރީއްޔާގެ ވިސްނުންފުޅަކީ މުޅި މަސްވެރި ފްލީޓުގައި އާރް.އެސް.ޑަބްލިއު.ގެ މި ނިޒާމު ޤާއިމުވެގެންގޮސް، ދިވެހިރާއްޖޭގެ މަސްވެރީން ބާނާ މަސް ފެސިލިޓީތަކަށް ގޮސް ލޭންޑްކުރާއިރު، އެ މަހަކީ ތާޒާ މަހުގެ ގޮތުގައި އަދި އެ މަހަކީ ދުނިޔޭގެ ބާޒާރަށް އެކްސްޕޯޓުކުރެވޭއިރު، އެއްވެސް ކަހަލަ ރިޖެކްޝަނެއް ނެތި ރަނގަޅު އަގުލިބޭ ކޮލިޓީ މަހަށް ހެއްދެވުމުގެ ވިސްނުންފުޅު މިއީ ރައީސުލްޖުމްހޫރިއްޔާގެ ވިންނުންފުޅަކީ.

މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް، ގއ. ކޫއްޑޫ ކޯލްޑް ސްޓޯރޭޖް އެކްސެޕްޝަން ޕްރޮޖެކްޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތު، 7 ނޮވެންބަރު 2024

މަސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން ގެނެސްދެއްވާފައިވާ އެންމެ ފާހަގަކޮށްލެވޭ ކުރިއެރުންތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ ޑީކޮމްޕްރެޝަން ޗޭމްބަރތައް ޤާއިމުކުރުމެވެ. ކަނޑުއަޑީގެ ޙާދިސާތަކުގައި ޑައިވަރުންގެ ޞިއްޙަތަށް ނުރައްކާވާ ޙާލަތްތަކުގައި ފަރުވާ ދިނުމަށް މި ޗޭމްބަރތައް މުހިންމުވާއިރު، ސަރުކާރުގެ ފަރާތުން ހިންގާ މިފަދަ ފުރަތަމަ ޗޭމްބަރ ކ. ގުރައިދޫގައި އިފްތިތާޙުކުރީ، މި އަހަރުގެ ސެޕްޓެންބަރު މަހުގެ 26ވަނަ ދުވަހުގައެވެ. ސެނަހިޔާގެ ފަރާތުން ހިންގާ މި "ހައިޕަރބެރިކް ސެންޓަރު"ގައި، ކަނޑު އަޑީގެ 100 މީޓަރުގެ ފުންމިނުގައި ދިމާވާ ޙާލަތްތަކަށް ވެސް ފަރުވާދެވޭނެއެވެ. މީގެ އިތުރުން، މިފަދަ އިތުރު ޗޭމްބަރތަކެއް ޏ. ފުވައްމުލައް، ގއ. ވިލިނގިލި، އއ. ރަސްދޫ، ގދ. ތިނަދޫ، އަދި މާލޭގައި ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

 

އިސްވެ ދެންނެވުނު ކަންކަމުގެ އިތުރުން، ދިވެހި މަސްވެރީންނަށް ފަހިވެގެންދިޔަ މުހިންމު އެއް ފުރުޞަތަކީ، ކަށިމިޔަރުގެ މަސްވެރިކަމުގެ ހުއްދަ އަލުން ދެވުމެވެ. ކަށިމިޔަރަކީ ބައިނަލްއަޤުވާމީ ބާޒާރުގައި ނުހަނު އަގުހުރި މަހުގެ ބާވަތަކަށްވީ ނަމަވެސް، ރާއްޖޭގައި ކަށިމިޔަރުގެ އާބާދީ މަދުވަމުންދާތީ، އެ ކަން އޮތީ ޤާނޫނީ ގޮތުން މަނާކުރެވިފައެވެ. އެހެނަސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ، ވަކި އުޞޫލެއްގެ ދަށުން، ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ޢާންމުންނަށް އަލުން ދެއްވުމަށެވެ. މި ގޮތުން، ހިނގަމުން މިދާ ނޮވެންބަރު މަހުގެ ކުރީކޮޅު ސަރުކާރުން އިޢުލާނުކުރެއްވީ، ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ވެސް ޑިސެންބަރު މަހުން ފެށިގެން، ޖެހިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށެވެ. އަދި ކަށިމިޔަރު ކިރުވޭ ވަކި ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައެޅިފައިވާއިރު، ކަށިމިޔަރު ބޭނުމަށް އެކުލަވައިލެވިފައިވާ ޤަވާޢިދާ ޚިލާފުވާނަމަ، 1 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ކަށިމިޔަރުގެ ތެލާއި އުރަހަ ދުނިޔޭގެ ބާޒާރުގައި ބޮޑުއަގުގައި ވިކޭއިރު، ކަށީމިޔަރުގެ މަސްވެރިކަން ހުއްދަކުރެވިގެން ދިޔުމަކީ ދިވެހި މަސްވެރީންނަށް ހުޅުވިގެން ދިޔަ އުންމީދީ އާ ދޮރެކެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް 104 ހަފުތާ ފުރުނުއިރު، އެ މަނިކުފާނަކީ ޤާބިލު ރައީސެއްކަން ރައްޔިތުންނަށް މިހާރު ޔަޤީންވެއްޖެއެވެ. ރާއްޖޭގެ އިޤުތިޞާދީ ކަންކަން ކުރިއެރުއްވުމަށް އެ މަނިކުފާނާއި އެ މަނިކުފާނުގެ ސަރުކާރުން ކޮށްދެއްވީ ތަޢުރީފު ޙައްޤު މަސައްކަތެކެވެ. ރާއްޖޭގެ އިޤުތިޞާދުގެ މައި 2 ދާއިރާއަކީ މަސްވެރިކަމާއި ފަތުރުވެރިކަން ކަމުގައިވާއިރު، މަސްވެރިކަމުގެ ޞިނާޢަތަށް އެ މަނިކުފާނު ގެނެސްދެއްވީ ކުލަގަދަ ތަރައްޤީއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން