ޚަބަރު
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާޙް ކުރައްވައިފި
ބޯހިޔާވަހިކަމުގެ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް" އިފްތިތާޙް ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް" މި ނަމުގައި ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި ސިޔާސަތު އިފްތިތާޙުކޮށްދެއްވީ ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްސަދަކީ، ރައީސް މުޢިއްޒު ވަޢުދުވެ ވަޑައިގެންފައިވާ ގޮތަށް، ކޮންމެ ދިވެހި ރައްޔިތަކީވެސް ބޯހިޔާވަހިކަމުގެ ޙައްޤު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމަށް މަގުފަހިކުރުމެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާޙުކުރުމާއެކު، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ޢުސޫލުތަކާއި، ފްލެޓް ދޫކުރުމުގެ އުސޫލާއި، ގޯތި ދޫކުރުމުގެ ސްކީމާއި އޭގެ އުސޫލުވެސް ވަނީ ޢާއްމުކޮށްފައެވެ. މި ސްކީމްތަކުގެ ދަށުން ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު 4 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
ބޯހިޔާވަހިކަމުގެ ސްކީމްގެ 4 މައިގަނޑު ކެޓަގަރީ:
- މާލީގޮތުން ފުދުންތެރި ފަރާތްތައް: ވިޔަފާރި އުޞޫލުން ހައުސިންގ ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހި ކުރުމަށް ފުރުޞަތު ދެވޭނެއެވެ.
- މެދު ފަންތީގެ ޢާއިލާތައް: އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިންއަށް ހާއްސަކޮށްގެން ޕްރޮޖެކްޓުތައް ހިންގޭނެއެވެ.
- ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތައް: ރެންޓް ޓު އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްވާނެއެވެ.
- އެންމެ ފަޤީރު ޙާލަތުގައިވާ ޢާއިލާތައް: ދިރިއުޅޭނެ ތަނެއް ނެތް ޢާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމެންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަމަޖެހޭނެއެވެ.
ސަރުކާރުން އިޢުލާނުކުރައްވާފައިވާ ގޮތުގައި، މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމާއި ގޯތި ދޫކުރުމުގެ ސްކީމްތަކުގައި 2 ކެޓަގަރީ ހިމެނެއެވެ. އެއީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ. ފްލެޓް ދޫކުރާ ދެ މޮޑެލްއަކީ އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް އަދި ރެންޓް-ޓު-އޯން މޮޑެލްއެވެ.
މި ސްކީމްގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާލެއިން 15,000 ގޯތި ދޫކުރާނެކަން އިޢުލާންކުރައްވާފައެވެ. އަދި މާލެ ސަރަހައްދުގައި 7,000 ފްލެޓްގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ގޯއްޗާއި ފްލެޓް ދިނުމުގެ އަސާސީ ޝަރުޠުތަކާއި ޕޮއިންޓް ދިނުމުގެ އުސޫލުވެސް ވަނީ ޢާއްމުކުރައްވާފައެވެ. މި އުސޫލުގައި މީގެކުރިން ނުހިމެނޭ މުހިންމު ބަދަލުތަކެއް ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.