ޚަބަރު
ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާއި ރައީސް ޑރ މުޢިއްޒު ބައްދަލުކުރައްވައިފި
ރައީސް ޑރ މުޢިއްޒު ފަލަސްޠީނުގެ ޓީމާއި ބައްދަލުކުރެއްވުން. ފޮޓޯ:ރައީސް އޮފީސް
ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ހޮޓެލް ޖެންގައެވެ. ރައީސް މުޢިއްޒު ވަނީ ފަލަސްޠީނު ޓީމުގެ ކޭމްޕުގައި ރާއްޖޭގައި ކުރެވުނު ތަޖުރިބާ އޮޅުއްފިލުއްވައި، އެޓީމަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އަދި ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޠާރިޤު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފަލަސްޠީނު ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ، ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާޙައުލެއް ނެތުމުގެ ސަބަބުން، ރާއްޖޭގައި ކޭމްޕް ކުރެވޭނެ މަގު ފަހިކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އެޓީމުން ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން ދެއްވި ހޫނު މަރުހަބާއާއި ފަހިކޮށްދިން ޓްރޭނިންގެ ފުރުސަތުތަކަކީ ހަނދާނުން ފޮހެވޭނެ ކަމެއް ނޫނެވެ.
ޓީމުގެ މެނޭޖަރު މުހަންމަދު ޖުމާ ސުލައިމާން ވިދާޅުވީ، އެއަރޕޯޓުން ފެނިގެންދިޔަ އަމިއްލަ ޤައުމުގެ ދިދަތައް ވިހުރާލާ މަންޒަރަކީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްތަކެއް ކަމަށެވެ. އަދި ފަލަސްތީނު ޓީމަށް އެއްކޮށް އެޤައުމުގައި ފަރިތަކުރުންތައް ބޭއްވޭނެ މާހައުލެއް ނެތްއިރު، ދުނިޔޭގެ އެކި ޤައުމުތަކުގައި ދިރިއުޅޭ ކުދިން ގޮވައިގެން ރާއްޖެ އައިސް ކޭމްޕް ކުރެވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ޖުމާ ސުލައިމާން ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ދިވެހިން ފަލަސްޠީނާމެދު ބަހައްޓާ ގާތްކަމާއި ދިން މެހެންމާދާރީގެ ސަބަބުން އަދިވެސް ފުރުސަތެއް ލިބިއްޖެނަމަ ރާއްޖެ އަންނަން ބޭނުންވާ ކަމަށެވެ.
ޓީމުގެ ބައެއް ކުޅުންތެރިން ވަނީ ރާއްޖޭގައި ޓްރޭނިންގ ބޭއްވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، ހުރިހާކަމެއްގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖައްސާދީފައިވާ ކަމަށް ބުނެފައެވެ. ފަލަސްޠީނު ޓީމު ރާއްޖޭގައި ހޭދަކުރި މުއްދަތުގައި 17 އަހަރުގެ ދަށުގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ ދެ މެޗު ކުޅެފައިވެއެވެ. ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ މި ދެމެޗަށް ފަލަސްޠީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ޚާއްޞަ ސްވެނިއަރ ޓިކެޓްތަކެއް ވިއްކާފައެވެ.
ފަލަސްތީނު ޓީމުން 10 ދުވަހުގެ ކޭމްޕެއް ރާއްޖޭގައި ނިންމާލުމަށްފަހު، މިމަހުގެ 22 އިން 30 އަށް އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށްޓަކައި ދެން ދަތުރުކުރާނެއެވެ.