ޚަބަރު
މިއަހަރު ނިމުމުގެ ކުރިން އައު ޓާމިނަލުގައި ޒަމާނީ އީގޭޓްތައް ބޭނުންކުރަން ފެށޭނެ: ރައީސް މުޢިއްޒު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
1 ޖެނުއަރީ 2026ގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) އައު ޓާމިނަލުގައި އެންމެ ޒަމާނީ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މީގެ އެންމެ ބޮޑު މަޤްޞަދަކީ އެއަރޕޯޓް ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުން ކަމަށެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް އެއަރޕޯޓުގެ އައު ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. މި އީގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިންނެވެ. މިއީ ދަތުރުފަތުރުގެ ތަޖުރިބާ އަވަސްކޮށް ފަސޭހަކޮށްދޭނެ ކަމެކެވެ.
ރައީސް މުޢިއްޒު ހާމަކުރެއްވި ގޮތުގައި 1 ޖެނުއަރީ 2026ގެ ކުރިން ވީއައިއޭގެ އައު ޓާމިނަލުގެ އެރައިވަލް އަދި ޑިޕާޗަރ ހިމެނޭހެން ކޮންމެ ޓާރމިނަލްއެއްގައި 10 ގޭޓް ހިމެނޭހެން ޖުމްލަ 20 އީގޭޓް ހަރުކުރެވި، ބޭނުންކުރަން ފަށާނެއެވެ. މީގެ އިތުރުން ރާއްޖޭގެ އެހެނިހެން އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގައިވެސް 2026ވަނަ އަހަރު މިފަދަ ޒަމާނީ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަންފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ. މި ޓާމިނަލް ހުޅުވުމަށްފަހު ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުކަމަށެވެ. އައު ޓަރމިނަލުގައި ޒަމާނީ ގިނަ ޚިދުމަތްތައް ވަނީ ތަޢާރަފްކުރެވިފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭނުންކުރައްވާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކާ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް އެ އެއަރޕޯރޓުގެ އާ ޓާމިނަލުގައި… pic.twitter.com/OO5aXLR8vD
— Dr Mohamed Muizzu (@MMuizzu) November 19, 2025
އައު ޓަރމިނަލުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރާއި، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވުނު ޚިދުމަތެކެވެ. މީގެ އިތުރުން، ސީޕްލޭން ދަތުރުތަކަށް ޚާއްސަކޮށް 24 ޗެކިން ކައުންޓަރވެސް ވަނީ ޤާއިމްކުރެވިފައެވެ. އީގޭޓްތައް ހަރުކުރުމާއެކު ވީއައިއޭގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ދަތުރުފަތުރުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް ބެލެވެއެވެ.
ވީއައިއޭގައި ކުރިން ވެސް ވަނީ އީ-ގޭޓު ބޭނުންކޮށްފައެވެ. އެ ފަހަރު އީ-ގޭޓު ބެހެއްޓީ ހަމައެކަނި އެރައިވަލްގައެވެ.