ޚަބަރު
ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހި، ކަނޑުތައް ގަދަވާނެ: މެޓް
ވިއްސާރަ ދުވަހަކު މާލެތެރެއިން/ފޮޓޯ: ރާއްޖެ24
ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހި، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
އެގޮތުން، ކުރިއަށް އޮތް 24 ގަޑިއިރު ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ބާރުވުން އެކަށީގެންވާ ކަމަށާއި، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، މި އަންނަ ދުވަސްތަކުގައި ކަނޑުތައް ވެސް މިހާރަށްވުރެ ގަދަވެ، މޫސުން ގޯސްވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި ޢާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.