Ads by Stelco

ޚަބަރު

ވިލިމާލޭގައި އަޅާ ހައުސިން ޔުނިޓުތައް ޚާއްޞަ ވާނީ އެ އަވަށުގެ ރައްޔިތުންނަށްކަމަށް ރައީސް ވިދާޅުވެއްޖެ

ވިލިމާލޭގައި އަޅާ ހައުސިން ޔުނިޓުތައް ޚާއްޞަ ވާނީ އެ އަވަށުގެ ރައްޔިތުންނަށްކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްހުމްހޫރިއްޔާ ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 ނޮވެމްބަރު 2025، 12:39

24 ނޮވެމްބަރު 2025، 12:39

ވިލިމާލޭގައި މި ސަރުކާރުން އެޅުމަށް ނިންމާފައިވާ ހައުސިން ޔުނިޓުތައް ޚާއްޞަ ކުރާނީ އެ އަވަށުގެ ރައްޔިތުންނަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އާދީއްތަ ދުވަހުގެރޭ ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އެ މަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވިލިމާލޭގައި 500 ހައުސިން ޔުނިޓު ޤާއިމް ކުރައްވާނެކަމަށް ވިދާޅުވެފައި ވާނޭ ކަމަށާއި، މިހާރު ޤާއިމް ކުރެއްވުމަށް އެ މަސައްކަތްޕުޅު ކުރައްވަނީ އޭގެ ތެރެއިން 300 ހައުސިން ޔުނިޓު ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ހައުސިން ޔުނިޓުތަކުގެ މަސައްކަތް މި އަހަރު ތެރޭގައި ފައްޓަވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުން އެންމެ ބޮޑަށް ފާހަގަ ކުރެއްވެވި އެއް ކަމަކީ، އެ އަވަށުގެ ކަންކަން ބެލެހެއްޓުމުގެ ކަންކަން އެކަށީގެންވާ ގޮތަށް ނުދިއުމާއި، އެ ކަމުގެ ސަބަބުން އިޖުތިމާއީ ތަންތަން ހަލާކުވެ ވީރާނާ ވަމުންދާ ކަމުގެ ޝަކުވާއެވެ. އަދި އިޖުތިމާޢީ ގޮތުން އެއްވެ އުޅޭ ތަންތަނުގެ ޙާލަތު ދަށްވަމުން އަންނަ މައްސަލައެވެ. މިކަމުގެ ޙައްލަކަށް ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ ރައްޔިތުން ހުށަހެޅުއްވީ، ވަކި ކޯޕަރޭޝަނެއް ވިލިމާލޭގެ ކަންކަން ބެލެހެއްޓުމަށް އުފެއްދެވުމެވެ.

ވިލިމާލޭގައި އަލަށް އިމާރާތްކުރާ 100 އެނދުގެ ހޮސްޕިޓަލަށް އިޝާރާތް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ހޮސްޕިޓަލް އިމާރާތް ކުރާނީ މިހާރު ހޮސްޕިޓަލް ހުރި ބިމުގައި ކަމުން، މި ކަމުގައި ރައްޔިތުންނަށް ދަތި ދުވަސްތަކެއް އަންނާނެކަމަށެވެ. އަދި ތަރައްޤީގައި ބައެއް ފަހަރު އެފަދަ ޙާލަތްތައް އައި ނަމަވެސް، ފަހުން ރަނަގުވާނެކަމަށް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލް އެހެން ތަނަކަށް ބަދަލުކޮށްގެން ޚިދުމަތް ދިނުމުގައި ކުރިމަތިވެދާނޭ ދަތިތައް ކުޑަކުރެއްވުމައްޓަކައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އެހީގައި ގޮތްތަކެއް ހަމަޖެއްސެވުމަށް މަސައްކަތްޕުޅު ކުރައްވާނޭކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ޗައިނާގެ އެހީ ލިބިފައިވާ ކަމަށާއި، އެ މަސައްކަތް ކުރިއަށްދާނީ، ފެނާއި، ކަރަންޓާއި، ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތާ އެކީގައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 

އަދި މިއަންނަ އަހަރު ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި، ހޭންޑް ބޯޅަ ދަނޑަކާއި، އެ އަވަށުގެ ފުޓުބޯޅަ ދަނޑު ފީފާގެ ސްޓެންޑަރޑަށް ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ގިނަ ރަށްތަކެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން، ވިލިމާލޭގައި ވެސް އެފަދަ އޭޓީއެމްއެއް ޤާއިމްކުރައްވާނެކަމަށް  ވިދާޅުވިއެވެ. 

ވިލިމާލޭގައި ދިރިއުޅޭ ރައްޔިތަކު ރައީސްއާ ކަންކަން ޚިއްޞާ ކުރައްވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަރީޒު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، އެ އަވަށަށް ތަރައްޤީ ގެނައުމުގައި ރަށުގެ ފެހިކަން ނުގެއްލޭ ގޮތަށް، ރަށުގެ ވެށި ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ބްރިޖުގެ މަސައްކަތް ނިމި، އެ ތަން ބޭނުންކުރަން ފަށާ ފަހުން ވިޔަސް، ވިލިމާލެ އޮންނާނީ އިންޖީނުލީ އުޅަނދުފަހަރަށް ރަށު ތެރެއަށް ނުވަދެވޭ އަވަށެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައްޔިތުން ޚިއްޞާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި އެ އަވަށުގެ މޫދަށް އެރޭ ސަރަހައްދު އިތުރަށް ތަރައްޤީކުރައްވައި، ފެރީ އަދި އެތެރޭގެ ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރައްވައި، މަސްމާރުކޭޓެއް ޤާއިމުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވިލިމާލެއަށް ވީތީ ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެ ކަމަށާއި، މީގެ ކުރިން އަޅާނުލެވި އޮތަސް، ކުރިޔަށް އޮތް ދުވަސްތަކުގައި ވިލިމާލޭ ރައްޔިތުންނަށް ހާސިލުނުވެ ހުރި ކަންކަމާއި އިތުރު ކަންކަންވެސް ފުރިހަމަ ކުރެއްވުމުގެ އަޒުމުގައި ހުންނެވިކަމަށެވެ.

ރައީސްގެ މި ބައްދަލުކުރެއްވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރޭގައި ހިމެނިގެން ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން