ކުޅިވަރު / ޚަބަރު
ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ފީފާ ފެންވަރުގެ ދަނޑެއް ތަރައްޤީކޮށްދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ފީފާ ފެންވަރުގެ ދަނޑެއް ތަރައްޤީކޮށްދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވާފައި ވަނީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރޭގައި ހިމެނިގެން، ރޭ ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މުޅި ރާއްޖޭގައި ޒުވާނުންނަށް ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކޮށްދެއްވުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އެގޮތުން، ވިލިމާލޭގައި ބޮޑު އާބާދީއެއް ދިރިއުޅޭއިރު ކުޅިވަރު ކުޅެވޭނެ ވަޞީލަތްތައް ބިނާވެފައި ހުރުމަކީ މުހިންމުކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އެހެންކަމުން، މި އަންނަ އަހަރު ހިންގޭނެ އެންމެ މުހިންމު އެންމެ ބޮޑު މަޝްރޫޢަކަށް ވާނީ ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުން، ކަމަށާއި، އެއީ ބާރަސަތޭކަ މީހުންގެ ޖާގައިގެ ސީޓިން ކެޕޭސިޓީ ހިމެނޭގޮތަށް އިންޑޯ ކުޅިވަރުތައް ކުޅެވޭގޮތަށް ތަރައްޤީ ކުރެވޭނެ މަރުކަޒެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވިލިމާލޭގައި މިހާރު އޮތް ފުޓްބޯޅަ ދަނޑު އަޕްގްރޭޑްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެގޮތުން، ފީފާ ފެންވަރުގެ ސްޓޭޑިއަމަކަށް މިހާރު އޮތް ދަނޑު ބަދަކުުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވެސް ކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑް ދަނޑަކަށް ހެދުން ވެސް ހަމަ އޮތީ ކުރިޔަށް. މިކަހަލަ ގިނަ ކަންތައްތަކެއް އެބަހުރި ބަޖެޖުގައި އަޅުގަނޑުމެން ހިމަނާފަ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ކުޅިވަރު ވަޞީލަތްތައް އެރަށްތަކުގައި ތަރައްޤީކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިހާރު ވެސް މި ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ވަނީ ފަށައިފައެވެ.