Ads by Stelco

ޚަބަރު

ވިލިމާލޭގެ ބިޔަ ދެ ނިކަގަސް ނެގުމަށް ރޭގެ ބައްދަލުވުމުގައި ވޯޓުން ނިންމައިފި

ވިލިމާލޭގެ ބިޔަ ދެ ނިކަގަސް ނެގުމަށް ރޭގެ ބައްދަލުވުމުގައި ވޯޓުން ނިންމައިފި

ވިލިމާލޭގެ ބިޔަ ދެ ނިކަގަސް ނެގުމަށް ރޭގެ ބައްދަލުވުމުގައި ވޯޓުން ނިންމުން.

farudhun logo

ފަރުދުން

24 ނޮވެމްބަރު 2025، 03:48

24 ނޮވެމްބަރު 2025، 03:48

ވިލިމާލޭގައި ހުރި ދުވަސްވީ ދެ ނިކަގަސް ނެގުމަށް، އެ ރަށުގެ ރައްޔިތުންނާ އެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ބޭއްވެވި ބައްދަލުވުމުގައި ނެގި ވޯޓަކުން ނިންމައިފިއެވެ.

ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްލުކުުރެއްވުމަށް ރޭ މުޙްޔިއްދީން ސްކޫލް މާލަމުގައި ބޭއްވި ޖަލްސާގައި، ވިލިމާލޭގައި ދިރިއުޅޭ ބައެެއް ރައްޔިތުން ވަނީ، އެ މީހުންގެ ހުރި ކަންބޮޑުވުންތައް ރައީސާ ޙިއްޞާކޮށްފައެވެ.

މިގޮތުން، ރައްޔިތުންގެ އެއް ކަންބޮޑުވުމަކީ، ވިލިމާލޭ ފުލުހުންގެ މަރުކަޒާ ޖެހިގެން އޮންނަ ހުސްބިމުގައި ހުންނަ ދެ ނިކަގަހުގެ މޫތަކާ ހެދި ދިމާވާ އުނދަގޫތަކެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދެއްކި ޢާންމުންގެ މީހަކު ބުނީ، އެ ދެ ނިކަގަހުގެ ސަބަބުން، އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންގެ ގެދޮރު ހަލާކުވެ، ގޭގެ ފާރުތައް ފުނޑުފުނޑުވަމުންދާ ކަމަށާއި، އެ ގަސްތަކުން ފައިބާ އެއްޗެހިން ގޭގޭގެ ފުރާޅު ވެސް ހަޑިވެ، ހަލާކުވަމުންދާ ކަމަށެވެ.

މި ހުރިހާ ކަމެއް ވަމުން އެބަދޭ. އެންވަޔަރަމެންޓަށްޓާކައި ވެސް އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭނީ އިންސާނުންނަށް ވެސް އޭގެން ފައިދާކުރާނެ ގޮތަށް. ނުކުރާ ގޮތަކަށް އޮވެގެން ނުވާނެ ކަންނޭނގެ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އާދޭހާ އެކު ދަންނަވަން އެ ގަހުގެ ކަންތައް ކޮންމެވެސް ގޮތަކަށް ހަމަޖައްސައިދޭން.

އެ މީހާ ބުންޏެވެ.

ރޭގައި ވާހަކަ ދެއްކި އެހެން މީހަކު ބުނީ، އެ ނިކަގަސްތައް ކައިރީގައި ހުރި ގެތަކުގައި މީހުން ދިރިއުޅެނީ ވަރަށް ޙާލުގައި ކަމަށެވެ. އެ ސަރަޙައްދު ގޭގޭގެ ފާޚާނާތައް ހުރީ ނިކަގަހުގެ މުލުން ފުރިފައި ކަމަށް އޭނާ ކިޔައިދިނެވެ.

އިންސާނުންނަށް ވުރެ މުހިންމު އެހެން އެއްވެސް އެއްޗެއް ނޯންނާނެ. އެހެންވީމާ، ގަސް ވެސް ޙިމާޔަތް ކުރަންވީ، އެ ގަސް އެހެެން ތަނަކަށް ގެންގޮސްގެން ވިޔަސް. އެ ގަސް މަރެއް ނުވާނެ. އަޅުގަނޑުމެން މި ތިބީ ފެންކުރާ ހިފައިގެން ގޮސް ފެން އަޅައިދޭން ވެސް ތައްޔާރަށް އެ ގަސް ރޯކުރަން. އެ މީހުންގެ (އެ ސަރަޙައްދުގައި އުޅޭ މީހުންގެ) ޙައްޤުގައި.

އޭނާ ބުންޏެވެ.

ޢާންމުން ހުށަހެޅި މި ކަންބޮޑުވުމާ ގުޅިގެން، ރައީސް ޑރ. މުޢިއްޒު ރޭގެ ޖަލްސާ ނިންމަވާލައްވަމުން ވިދާޅުވީ، އެ މަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް އެ ޝަކުވާ ލިބި، އެ ތަނުގައި ހުރި ގޭގެ ބައްލަވަން ވަޑައިގެންނެވި ކަމަށެވެ. ރައްޔިތުން ބޭނުންވާނަމަ އެ ގަސްތައް އެ ތަނުން ނަގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޤާނޫނީ އިޝޫއެއް ނެތްކަން އޭ.ޖީ. ވިދާޅުވެއްޖެ، އެންވަޔަރަމެންޓަލީ އެ އޮންނަ އުޞޫލުތަކުގެ ތެރެއިން ޙައްލެއް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ. ރައްޔިތުން ބޭނުންވާ ގޮތް އަންގާލަދެއްވަން ވީނުންތޯ؟

ރޭގެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.

އެއަށް ފަހު، ރޭގެ ޖަލްސާގައި ރައީސް ވަނީ ވޯޓަކަށް އައްސަވައި، އެ ގަސްތައް އެ ތަނުން ނަގަން ރައްޔިތުންނަށް ފެންނަ ނަމަ އެ ކަން އަންގައިދިނުމަށް އަތްމައްޗަށް ނެގުމަށް އެދިވަޑައިގެންފައެވެ. އެއާ އެކު، އެ ޖަލްސާގައި ތިބި ގިނަ މީހުންގެ އަޣުލަބިއްޔަތުން ވަނީ އެ ތަނުން އެ ދެ ގަސް ނަގަން ފެންނަކަމަށް ބުނެފައެވެ.

އެހެންވީމާ، އިއްތިފާޤުން ގާތްގަނޑަކަށް ފާސް މި ވީ. އެހެންވީމާ އިރާދަކުރެއްވިއްޔާ އެ ކަން ކުރިއަށް ދާނެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން