Ads by Stelco

ޚަބަރު

ވިހެއުމުގެ ތެރޭގައި އައްޑޫ ސިޓީގެ ޒުވާނެއް ނިޔާވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ވިހެއުމުގެ ތެރޭގައި އައްޑޫ ސިޓީގެ ޒުވާނެއް ނިޔާވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ނިޔާވެފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓްގެ މުވައްޒަފު، އެސޯސިއޭޓް ކައުންސިލް އޮފިސަރ، ސ. ހިތަދޫ، ތަމަންނާގޭ ޢާއިޝަތު ނަޒާހަތު އަޙުމަދު ދީދީ---

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 ނޮވެމްބަރު 2025، 10:06

25 ނޮވެމްބަރު 2025، 10:06

ވިހެއުމުގެ ތެރޭގައި އައްޑޫ ސިޓީގެ ޒުވާނެއް ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި އެވެ.

ނިޔާވެފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓްގެ މުވައްޒަފު، އެސޯސިއޭޓް ކައުންސިލް އޮފިސަރ، ސ. ހިތަދޫ، ތަމަންނާގޭ ޢާއިޝަތު ނަޒާހަތު އަޙުމަދު ދީދީއެވެ.

މިކަމާއި ގުޅިގެން 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ވިހެއުމުގެ ތެރޭގައި ކުއްލި ޙާލަތެއް މެދުވެރިވެ، އައްޑޫ ސިޓީގައި ޒުވާން އަންހެން ބޭކަނބަލަކު ނިޔާވުމަކީ، ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް ކުރުއްވި ކަމެއްކަމަށެވެ. އަދި މަރްޙޫމާ ޢާއިޝަތު ނަޒާހަތު އަޙްމަދަށް، ޝަހީދެއްގެ ދަރަޖަ މާތްﷲގެ ޙަޟްރަތުގައި ދެއްވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި ލެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.

މީގެ އިތުރުން، އުފަންވި ތުއްތު ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވާވުމަށާއި، މަރްޙޫމާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދިވެސް ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.

މި ޒުވާނާ ނިޔާވެފައިވަނީ، އައްޑޫ ސިޓީގެ އިންޓަރނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައި.އެމް.ޑީ.ސީ.) ގައެވެ. އައި.އެމް.ޑީ.ސީ.ގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިޔަ މާބަނޑު ޒުވާނާ ވިއްސަން ތާވަލުކޮށްފައި އޮތީ އިއްޔެ ހެނދުނެވެ. މި ޙާދިސާ ހިނގުމާ ހަމައަށް ވެސް ނަޒާހަތުގެ ޞިއްޙީ ޙާލަތު ރަނގަޅު ކަމަށާއި، ފަރުވާ ދެއްވަމުން ގެންދެވި ޑޮކްޓަރުގެ ފަރުވާއާ މެދު ހިތްހަމަޖެހި މެޑިކަލް ޓީމާ އެކުގައި ނަޒާހަތު ދިޔައީ ކަންކަން ޙިއްޞާކޮށް، ވާހަކަ ދައްކަމުން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ނަމަވެސް، އިއްޔެ ފަތިހުގެ ވަޤުތެއްގައި ބަލި މީހާގެ ޞިއްޙީ ޙާލަތު ބަދަލުވެގެން ދިޔަ ކަމަށާއި، އެއީ ކުރިން ބަލި މީހާގެ ފަރާތުން ފެނިފައި ނެތް ޙާލަތެއް ކަމުން، ވަގުތުންވަގުތަށް އިމަރޖެންސީގައި ފަރުވާ ދޭން ފެށި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.  އަދި އިމަރޖެންސީ މެޑިކަލް ޙާލަތް ދިމާވީ ގާތްގަނޑަކަށް ފަތިހު 4:39 ގައި ކަމަށާއި، އެ ވަޤުތުން ފެށިގެން ބަލި މީހާއަށް ފަރުވާ ދޭން ފަށައި އޮޕަރޭޝަން ތިއޭޓަރު ޓީމުގެ ފުރިހަމަ އެހީތެރިކަމާ އެކު ކުއްލި އޮޕަރޭޝަނެއް ވަގުތުން ފަށާފައިވާކަމަށާއި، އަދި ކުޑަ ދަރިފުޅު ރައްކާތެރިކަމާ އެކު ދުނިޔެއަށް ގެނެވުނެކަމަށް އެ ބަޔާނުގައި ވެއެވެ.

އައި.އެމް.ޑީ.ސީ.ގެ ބަޔާނުގައި ބުނީ، މި ޙާދިސާ ޞިއްޙީ ވުޒާރާއާ ގުޅުން ހުރި އިދާރާތަކުން ބަލަމުންދާއިރު، މި ކަމާ ގުޅިގެން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން