ޚަބަރު
އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ރަސްމާލެ ހިއްކައި އެ ތަނުން 15،000 ގޯތި ދޫކުރަނީ
ރައީސުލްޖުމްހޫރިއްޔާ މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާ އޮފީސް
އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ރަސްމާލެ ހިއްކައި އެ ތަނުން 15،000 ގޯތި ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަންގާރަ ދުވަހުގެރޭ އާމީނިއްޔާ ސްކޫލުގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އަހަރުގެ ޑިސެންބަރު މަހު ފަހުކޮޅު ނޫނީ އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ރަސްމާލޭގެ ބިންހިއްކުމުގެ މަސައްކަތުގެ ސްޕީޑު، މިހާރަށް ވުރެ ތިން ގުނަ ހަލުވިކުރެވިގެން ދާނެކަމަށެވެ.
ޑިސެންބަރުގެ ފުރަތަމަ ހަފްތާގައި އެ ތަނުގެ (ރަސްމާލެ) މަސައްކަތް ތިން ގުނައަށް ބާރުވެގެން ދާނެ. އެކަމަށް ވަރަށް ބޮޑު ޑްރެޖަރެއް އެބަ ގެންނަން. މިހާރު ހުޅުމާލޭގެ ފޭސް-3 މި ހިއްކާ ޑްރެޖަރުގެ ދެ ގުނަ ބޮޑު ޑްރެޖަރެއް އެއީ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެގޮތުން މި އަންނަ އަހަރުގެ މާރިޗު ނުވަތަ އެޕްރީލް ހިސާބަށް ރަސްމާލެ އެއްކޮށް ހިއްކާ ނިމޭނެކަމަށާއި، އެ ތަނުން 1،250 އަކަފޫޓުގެ 25،000 ގޯތި ދޫކުރަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. ރަސްމާލެއަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުން އޭގެ ދެ ގުނައަށް ވުރެ ބޮޑު ބިޔަ ބިމެއްކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރަނީ 15،000 ގޯތި. މި 15،000 ގޯއްޗަކީ މާލޭގެ ރައްޔިތުންނަށް ޚާއްޞަ ކުރެވޭ ގޯތިތަކެއް. މިއީ މާލޭގެ ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް، ޖުމްލަކޮށް މާލެއަށް ޚާއްޞަ ގޯތިތަކެއް.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައިސް ވިދާޅުވީ، 15،000 ގޯތީގެ ތެރެއިން 10،000 ގޯއްޗަކީ މާލޭގެ ރަށްވެހިންނަށް ދޫކުރާނެ ގޯތިކަމަށެވެ. އޭގެ ތެރޭގައި ހިމެނޭނީ މާލެއަށް އުފަން ރަށްވެހިންނާއި، ދަފްތަރުގައި ތިބި ރަށްވެހިންކަމަށް ވެސް ހާމަކޮށްފައި ވެއެވެ. އަދި އަނެއް 3،000 ގޯއްޗަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، އެހެން ރަށްރަށުގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މައިމޮޅިވެފައިވާ ފަރާތްތަކަށް 450 ގޯއްޗާއި، މާލޭގައި ގެ ހެދުމަށް ލޯނު ނުނެގޭ ފަދަ ތަންތާގައި ހުރި ގޯތިތައް ބަދަލުކުރުމަށް ރަސްމާލެއިން 1،500 ގޯތި ދޫކުރަން ނިންމާފައިވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ގޯތީގެ ވާހަކަތަކަށްފަހު ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ދޫކުރުމަށް ނިންމާފައި ހުރި ގޯތިތަކާއި ފްލެޓުތައް، ރިޔާސީ ކެމްޕެއިންގައި އެ މަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް، އެ ތަންތަން ލިބުނު ފަރާތްތަކާ ހަވާލުކުރައްވާނެ ކަމަށެވެ. އެގޮތުން ފޭސް-2އިން ދޭން ނިންމި ގޯތިތައް، އެ ތަންތަން ލިބުނު ގިނަ ފަރާތްތަކާއި ހަވާލުކޮށް ނިމިއްޖެކަމަށާއި، ބާކީ ހުރި ތަންތަން ލިބުނު ފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ފޭސް-3 ހިއްކައި ނިމުމުން އެ ތަންތަނުން ދީފައިވާ ގޯތިތައް ވެސް ހަމަ ކުރީގެ ލިސްޓަށް ދޫކުރައްވާނެކަމަށް ވިދާޅުވިއެވެ.
ރަޢިސް ވިދާޅުވީ، ފަހުން ގެނައި ޑްރެޖަރަކާއެކު، ޖުމްލަ ދެ ޑްރެޖަރުން ފޭސް-3 ހިންގުމުގެ މަސައްކަތްކުރާނެކަމަށާއި، އަދި އެތަން މިއަންނަ ޑިސެންބަރުގެ ނިޔަލަށް ނިމުމުން, ދެން އެ ދެ ޑްރެޖަރު ދާނީ ގިރާވަރުފަޅު ހިއްކުމަށްކަމަށް ވިދާޅުވިއެވެ.
މާދަމާ ދެ ޑްރެޖަރުން ފޭސް-3 ހިއްކުމުގެ މަސައްކަތް ފަށައިގެން ގޮސް މި އަހަރުގެ ނިޔަލަށް ނިންމާގޮތަށް، ދެން އެ ޑްރެޖަރު ދާނީ ގިރާވަރުފަޅު ހިއްކަން. އެ މަސައްކަތް ޑިސެންބަރު ނިމޭ ހިސާބަށް ނޫނީ ޖެނުއަރީ ކުރީކޮޅު ފެށުމަށްފަހު، އަޅުގަނޑު މިރޭ ޓްވީޓް ކުރި ގޮތަށް އެންމެ ލަސްވެގެން ފެބްރުއަރީގެ ނިޔަލަށް އެ ތަނުގެ ބިންކާ ހިއްކާ ނިމޭނެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެހެންކަމުން މާރިޗު މަސް ނިމޭއިރަށް ގިރާވަރުފަޅު ހިއްކާ ނިމޭނެކަމަށް ވިދާޅުވިއެވެ. އަދި އެއަށްފަހު އެ ތަނުން ގޯތި ދިން ފަރާތްތަކާ ގޯތިތައް ހަވާލުކުރައްވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ފްލެޓުތަކުގެ މަސައްކަތް ވެސް ނިމެމުންދާ ކަމަށާއި މި ޑިސެންބަރުގެ ނިޔަލަށް އެ ފްލެޓުތަކުގެ މަސައްކަތް ވެސް ނިމޭނެކަމަށެވެ. އެހެންކަމުން އަންނަ އަހަރު ސްކޫލްތައް ފެށެންވާއިރަށް ފްލެޓުތަކަށް މީހުންނަށް ވަދެވޭވަރު ކުރާނެކަމަށް އެފްޑީސީއިން ވިދާޅުވެފައިވާކަމަށް ރައީސް ފާހަގަކުރެއްވެވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއާ ހަވާލުކޮށްގެން އަލަށް ފަށާ 3،000 ފްލެޓުގެ މަޝްރޫޢު މިއަންނަ ޑިސެންބަރު މަސް ނިމެންވާއިރަށް ފެށުމަށް ވަނީ ސަރުކާރުން ނިންމާފައެވެ. އެކަމަށް ސަރުކާރުން ވާނީ ބީއެމްއެލްއާ ބިން ހަވާލުކޮށްފައި ކަމަށާއި، އެއީ ހުޅުމާލޭގެ ފޭސް-3 އިން ދޫކުރާ 2،700 ފްލެތާއި ވިލމާލޭގައި އަޅާ 300 ފްލެޓެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ ފްލެޓުތަކެކެވެ. އަދި މި ތަންތަން ދޫކުރާނީ 10،000އަށް ވުރެ ބޮޑު ނޫން އަގަކަށްކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މިއަންނަ އަހަރު 4،500 ފްލެޓުގެ މަޝްރޫޢެއް ވެސް ކުރިޔަށްދާނެކަމަށާއި، މި ފަހަރު ދޫކުރާ 3،000 ފްލެޓުން އެއްވެސް ގޮތެއް ނެތް މީހުންނަށް ޚާއްޞަކޮށްފައިވާއިރު، ފަހުން އޮންނަ ސްކީމްގައި އެހެން ފަރާތްތަކަށް ވެސް ފުރުސަތު ލިބިދާނެކަމަށާއި، މީގެ ތެރެއިން ހިޔާ ފްލެޓު ލިބުނު މީހުންގެ ތެރެއިން، މިދިޔަ ސަރުކާރުން ފުލެޓު އަތުލި ފަރާތްތައް ވެސް މި 3،000 މީހުންގެ ތެރޭގައި ހިމެނޭނެއެވެ.
ރަސްމާލެ އާއި އުތުރުތިލަ ފަޅާއި ގުޅީފަޅާއެކު މާލޭ ސަރަޙައްދުގެ ގޯތީގެ މައްސަލަ ޙައްލުވެގެން ދާނެކަމަށް ރައީސް ވަނީ އެ ޖަލްސާގައި ވެސް ތަކުރާރުކުރައްވައެއވެ.