ޚަބަރު
ވިލިމާލެއިން ކަނޑާ ދެނިކަގަހުގެ ބަދަލުގައި 300 ގަސް އިންދަން އަންގައިފައިވާނެ: ރައީސް މުޢިއްޒު
ރައީސް މުޢިއްޒު ވިލިމާލެ ރައްޔިތުންނާއި ބައްދަލުކުރެއްވުން.
ވިލިމާލެއިން ކަނޑާ ދުވަސްވީ ދެ ނިކަގަހުގެ ބަދަލުގައި، މުޅި އަވަށުގައި 300 ގަސް އިންދަން ތިމާވެއްޓާ ބެހޭ ވުޒާރާއަށް އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަމީނިއްޔާ ސްކޫލްގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރަކީ ގަސްތަކާއި، ފެހިކަމަށް ލޯބި ކުރާ ބައެއް ކަމަށާއި، ގަސް ކެނޑުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.
ވިލިމާލެ ޕޮލިސް ސްޓޭޝަނާ ޖެހިގެން އޮންނަ ހުސްބިމުގައި ހުރި މި ދެ ނިކަގަހުގެ މުލުގެ އުނދަގޫވާ ކަމަށް ބައެއް ރައްޔިތުން ވަނީ މިދިޔަ އާދީއްތަ ދުވަހު ވިލިމާލެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ފާހަގަކޮށްފައެވެ. ރައްޔިތުންގެ ވާހަކަ އަޑުއެހުމަށްފަހު، ރައީސް ވަނީ އެތަނަށް ހާޒިރުވި މީހުންގެ މެދުގައި ގަސް ކަނޑަން ފެންނަތޯ ވޯޓަށް އައްސަވާފައެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ގަސް ކަނޑަން ބޭނުންވާ ކަމަށް އަތް ނަގައިގެން ހާމަކޮށްފައެވެ.
ގަސް ކެނޑުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "އަޅުގަނޑުމެންނަކީ ފެހިކަމަށް ލޯބި ކުރާ ގަސްތަކަށް ލޯބި ކުރާ ބައެއް. އެހެންވީމަ ގަސް ކެނޑުމާއި ކަންކަމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން، ތަނެއްގެ ޒަރޫރީ ބޭނުމަކަށް، އިންސާނީ ދިރިއުޅުމަށް އުނދަގޫވާ ކަމަށްވާ ނަމަ، އެ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރެވިގެން އެ އޮންނަ އުސޫލަކުން އެ ގަހެއް ނެގުމަކީ ގަސް އިންދުމާ ދެކޮޅު ހެދުމެއް ނޫން." ކަމަށެވެ.
އަދި ނަގާ ކޮންމެ ގަހެއްގެ ބަދަލުގައި 10-12 ގަސް ޖަހަން ޖެހޭނެ ކަމަށާއި، އެއް ގަސް ނަގައިފިނަމަ މަދުވެގެން ތިން ގަސް ޖަހަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވިލިމާލެއިން ނަގާ ދެ ނިކަގަހުގެ ބަދަލުގައި ކުރާނެ ކަމެއް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، "ވިލިމާލެ އިން ނަގާ ދެ ނިކަގަހުގެ ބަދަލުގައި، އަޅުގަނޑު އޮންނާނީ އެންވަޔަރަމެންޓް މިނިސްޓަރަށް އަންގާފައި މުޅި ވިލިމާލޭގައި މަދުވެގެން 300 ގަސް ޖަހަން ވާނެއޭ،" މިގޮތަށް އަންގަވާފައިވާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، މި ސަރުކާރަކީ އެންމެ ބޮޑަށް ތިމާވެއްޓާއި ރައްޓެހި ސަރުކާރު ކަމަށާއި، ފަސް މިލިއަން ގަހުގެ ޕްރޮގްރާމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ. މިހާރު ގާތްގަނޑަކަށް 800،000 އަށްވުރެ ގަސް އިންދިފައިވާއިރު، ތިން އަހަރު ތެރޭގައި ފަސް މިލިއަން ހަމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕްލެޖްކޮށްފައި ހުރި ގަސްތަކުގެ އަދަދު 6 މިލިއަނަށް އަރާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.