ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ހުޅުމާލޭގައި ޢިމާރާތްކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފި
ބިންގާއެޅުން/ފޮޓޯ: ރައީސް އޮފީސް
ހުޅުމާލޭގައި ޢިމާރާތްކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ.
ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައި ހަދާ، މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ހުޅުމާލޭގައި ޢިމާރާތްކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ މަސައްކަތަކީ ވިހިހާސް އަކަފޫޓުގެ ސަރަޙައްދެއްގައި، ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން 12 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، މިއީ 244.5 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މި އިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައެވެ.
President Dr @MMuizzu officially lays the foundation for the Darul Salaam Waqf Building in Hulhumalé. The 12-storey development will be completed within two years, marking a significant step towards strengthening long-term efforts to promote and preserve Islamic unity across the… pic.twitter.com/FVf3KA0pFY
— The President's Office (@presidencymv) November 26, 2025
ގްރޭޓަރ މާލެ ސަރަޙައްދުގެ އިތުރުން ވެސް، ރާއްޖޭގެ އެންމެ އާބާދީބޮޑެތި ސަރަޙައްދުތައް ކަމަށްވާ އައްޑޫއަތޮޅު، ފުވައްމުލައް، ހުވަދުއަތޮޅު އަދި ތިލަދުންމަތި ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފް އިމާރާތްތައް އެޅުމަށް ސަރުކާރުން ވަނީ ނިންމަވަފާއެވެ. އަދި މި ވަޤުފް އިމާރާތްތަކުން ލިބޭ އާމްދަނީ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ، އިސްލާމީ ވަޙުދަތު އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަފާތު މަސައްކަތްތަކަށެވެ.
މި މަޝްރޫޢު އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަޞީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫޢުއެއްކަން ފާހަގަކޮށްލެވެއެވެ. ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ އިތުރުން، މާލޭގައި ދާރުލްއަރްޤަމްގެ އިމާރާތަކާއި، ކީރިތި ޤުރުއާނަށް ޚާއްޞަ ވަޤްފު އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާއެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.