ޚަބަރު
މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ނެރިފައިވާ ހުދު ސަމާލު މިރޭގެ ނިޔަލަށް ދަންމާލައިފި
ވާރޭ ވެހެނީ/ފޮޓޯ: ޖީލު އޮންލައިން
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ނެރިފައިވާ ހުދު ސަމާލު މިރޭގެ ނިޔަލަށް ދަންމާލައިފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުދު ސަމާލު ނެރިފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ، މިއަދު މެންދުރުފަހު 14:00 އިން ފެށިގެން މިރޭ 20:00 އާއި ހަމައަށް ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، މި ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
Alert white for heavy rain and thunderstorms with gusts of 40 mph. pic.twitter.com/n7gXk7845V
— Maldives Meteorology (@MetMaldives) November 27, 2025
މީގެ އިތުރުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށް މެދުރާއްޖެތެރެއާއި ދެކުނުގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ވެސް ނެރިފައެވެ. އެހެންކަމުން، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިދުވަސްވަރު ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވެ، ކޮޅިގަނޑުގެ ބާރުގަދަވާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.