ޚަބަރު
އިސްލާމީ މަރުކަޒުތައް ފަދަ މަޝްރޫޢުތަކަށް ޚާއްސަ އިސްކަމެއް ރައީސް ދެއްވަނީ އެތަންތަން މެދުވެރިކޮށް އިސްލާމީ ނޫރުފެތުރުއްވެވުމަށް: ވަޒީރު ޝަހީމް
ދިއްދޫގައި އަޅާ އައު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވަޒީރު ޝަހީމް ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިސްލާމީ މަރުކަޒުތައް ފަދަ މަޝްރޫޢުތަކަށް ޚާއްސަ އިސްކަމެއް ދެއްވައިގެން އެތަންތަން ނިންމަވަނީ، އެތަންތަން މެދުވެރިކޮށް އިސްލާމީ ޢިލްމާއި ނޫރު ރާއްޖޭގައި ފެތުރުވުމަށްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދިއްދޫގައި ތަރައްޤީ ކުރި އިސްލާމީ މަރުކަޒު ހުޅުވައިދެއްވުމަށްފަހު، ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ. ދިއްދޫގައި ހުޅުވުނު މި މަރުކަޒަކީ އަތޮޅުތަކުގައި ހުޅުވުނު ތިންވަނަ އިސްލާމީ މަރުކަޒެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ދިއްދޫ އިސްލާމީ މަރުކަޒަކީ ދިއްދޫގެ އިތުރުން އެ އަތޮޅުގެ ރައްޔިތުން އެއްބައިވަންތަ ކުރުވާ، އިސްލާމީ ނޫރު ފަތުރާނެ މުހިއްމު ޢިލްމީ މަރުކަޒަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މި މަރުކަޒަކީ ސަރުކާރުން ވަރަށް މުހިއްމު އިސްކަމެއް ދެއްވައިގެން ނިންމާފައިވާ މަޝްރޫޢުއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މަރުކަޒުގައި ލައިބްރަރީއާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިވެސް ހުޅުވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ ބޭނުމަކީ އިސްލާމީ ހިދާޔަތާއި ނޫރު ފެތުރުންކަމަށެވެ. ރައީސް ވަރަށް ބޮޑަށް އިސްކަން ދެއްވާ މިހެން ހުރި މަޝްރޫޢުތައް ނިންމުމަށް. މިތަންތަނަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މިތަންތަން ނިންމުމުގެ ބެނުމަކީ މިތަންތަން މެދުވެރިކޮށް އިސްލާމީ ޢިލްމު ފެތުރުމާއި އިސްލާމީ ނޫރު ރާއްޖޭގައި ފެތުރުން. ވަޒީރު ވިދާޅުވިއެވެ. މިގޮތުން މިހާރުވެސް 10 މަރުކަޒެއް ތަރައްޤީކުރުމަށް އެކި ފަރާތްތަކާ ހަވާލުކޮށް މަސައްކަތް ފަށާފައިވާކަމަށާއި، އައްޑޫސިޓީގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒު އަންނަ އަހަރު ހުޅުވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިއްދޫ އިސްލާމީ މަރުކަޒުގައި ތަރައްޤީކޮށްފައިވާ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިން ޚާއްސަ ޕްރޮގްރާމްތައް ގެންދާނެކަމަށާއި، އިމާމުން ތަމްރީންކުރުންފަދަ އެކި ޕްރޮގްރާމްތައް އެ ވުޒާރާއިންވެސް ކުރިއަށްގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޖަލްސާ ކުރާ މާލަމުގައި އިސްލާމީ ކަންކަމުގެ އިތުރުން ޚާއްސަ ކޮންފަރެންސް ފަދަ ހަރަކާތްތައް ކުރިއަށްގެންދެވޭނެކަމަށާއި، އިސްލާމީ މަރުކަޒުގެ ކަރާމަތަށް އުނިކަން ނާންނަ ކޮންމެ ހަރަކާތެއްވެސް ކުރިއަށްގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުއްލަޠީފް މުޙައްމަދު ވެސް ވަނީ ދިއްދޫ އިސްލާމީ މަރުކަޒަކީ ދިއްދޫގެ ރައްޔިތުންނާއި އެ އަތޮޅުގެ ރައްޔިތުންނަށް ދީނީ ގޮތުން ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
އަޅުގަނޑު ޤަބޫލުކުރަނީ މި ރަށުގެ ރައްޔިތުންނައި އަތޮޅުގެ ރައްޔިތުން އަދި މުޅި ރާއްޖޭގައިވެސް ބާއްވާ ދީނީ ބައެއް ކަންކަން މި މަރުކަޒުގައި ބޭއްވިގެންދާނެ. މި މަސައްކަތް ނިންމާދީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރެއްވި
މެންބަރު ޢަބުދުއްލަޠީފް
ދިއްދޫގައި ޤާއިމުކުރެވިފައިވާ އިސްލާމީ މަރުކަޒުގައި، 450 މީހުންނަށް ތިބެވޭވަރުގެ މަލްޓި ޕަރޕަސް ހޯލަކާއި، ކޮންމެ ކްލާސްރޫމެއްގައި 30 ކުދިންނަށް ތިބެވޭނެ ޖާގައިގެ 5 ކްލާސްރޫމް ހިމަނާފައިވެއެވެ.
މީގެ އިތުރުން، މި މަރުކަޒުގައި ދެ ސެމިނަރ ރޫމާއި، އޮފީސް ބޭނުންތަކަށް ޚާއްޞަ ޖާގައެއްވެސް ވަނީ ހިމެނިފައެވެ.
މި އިސްލާމީ މަރުކަޒު ބިނާކުރެވިފައިވަނީ ދިއްދޫގެ ހިއްކި ބިމުގެ ސަރަޙައްދުގައެވެ. މިއީ ރަށުގެ އާބާދީ އިތުރުވަމުންދާ އަދި އަލަށް މީހުން ވަޒަންވެރިވަމުންދާ ސަރަޙައްދެއްކަން ފާހަގަކުރެވެއެވެ.