ޚަބަރު
އޭދަފުއްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި މުޙައްމަދު ޢަލީ ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
ބ. އޭދަފުށި ޑޭޒީވިލާ އަލްމަރްޙޫމް މުޙައްމަދު ޢަލީ---
ފަރުދުން
01 ޑިސެމްބަރު 2025، 06:37
01 ޑިސެމްބަރު 2025، 06:37
ބ. އޭދަފުއްށީގެ ޚިދުމަތްތެރި ބޭފުޅެއް ކަމުގައިވާ އެ ރަށު ޑޭޒީވިލާ މުޙައްމަދު ޢަލީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މަރްޙޫމް މުޙައްމަދު ޢަލީގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ޚިއްޞާ ކުރެއްވި މެސެޖުގައި ވިދާޅުވީ، މުޙައްމަދު ޢަލީ އަކީ އޭދަފުއްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޤަދަރުވެރި ބޭފުޅެއް ކަމުގައެވެ.
އެގޮތުން ވިޔަފާރީގެ ދާއިރާއިންނާއި، މަސްވެރިކަމުގެ ދާއިރާއިންނާއި އަދި އިޖުތިމާޢީ ދާއިރާއިން މުޙައްމަދު ޢަލީ ވަނީ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަމަށް ރައީސް ހާމަކުރައްވާފައެވެ.
އަދި މީގެ އިތުރުން މިސްކިތް ބިނާކުރައްވައި ދީނަށް ޚިދުމަތް ކުރެއްވުމުގައި ވެސް މުޙައްމަދު ޢަލީ އަކީ ނަމޫނާ ބޭފުޅެއްކަން ފާހަގަ ކުރެއްވެވިއެވެ.
ބ. އޭދަފުށީގެ ތަރައްޤީއަށް، އެ ރަށުގައި ވިޔަފާރިއާއި ދަތުރުފަތުރާއި މަސްވެރިކަން ކުރިއެރުވުމަށް، އިޖްތިމާޢީ ކަންކަމަށް، ވަކީން ޚާއްޞަކޮށް މިސްކިތް ބިނާކުރެއްވުމާއި އިސްލާމް ދީނަށް ޚިދުމަތް ކުރެއްވުމަށް މުޅި ރާއްޖެއަށް ނަމޫނާ މަސައްކަތްތަކެއް މަރްޙޫމް މުޙައްމަދު ޢަލީ ވަނީ ކޮށްދެއްވާފައި.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލެއްވީ މަރްޙޫމް މުޙައްމަދު ޢަލީގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުން އެދި ދުޢާކުރައްވަމުންނެވެ.
އުމުރުން 91 އަހަރުގައި މުޙައްމަދު ޢަލީ ނިޔާވެފައިވަނީ އިންޑިޔާގެ ޗެންނާއީގައި ޞިއްޙީ ފަރުވާ ހޯދަމުން ދަނިކޮށް އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.