ޚަބަރު
އެއިޑްސް ނައްތާލުމަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގެވެސް ޒިންމާއެއް: ރައީސް މުޢިއްޒު
ރައީސް ޑރ މުޙައްމަދު މުޢިއްޒު
އެއިޑްސް ނައްތާލުމަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގެވެސް ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅިގެން ކުރެއްވެވި ޕޯސްޓެއްގައެވެ.
މިއަހަރުގެ އެއިޑްސް ދުވަހުގެ ޝިޢާރަކީ "އެޅިފައިވާ ހުރަސްތައް ގިރާކޮށް، އެއިޑްސްއަށް ދެވޭ އިޖާބަ ބަދަލުކުރުން" އެވެ.
ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް ޑަބްލިއުއެޗްއޯގެ "ޓްރިޕަލް އެލިމިނޭޝަން" (އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ މައިމީހާގެ ފަރާތުން ކުދިންނަށް އަރާގޮތް ނައްތާލުން) ހާސިލުކުރި ފުރަތަމަ ޤައުމެވެ. ރައީސް ވިދާޅުވީ މި ކާމިޔާބީއަކީ، ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ޞިއްޙީ
ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރާއްޖެއިން ވެފައިވާ ވަޢުދުގެ ހެއްކެއް ކަމަށެވެ.
ރައީސް ވިދާޅުވީ މިފަދަ ބޮޑު ކުރިއެރުމެއް ރާއްޖެއަށް ހާސިލުކުރެވުނީ ބޯޑަރުތައް ފަހަނައަޅާފައިވާ ބައިނަލްއަޤްވާމީ ގުޅުންތަކާއި، އެއްބައިވަންތަކަން، އިލްމީ ތަޖުރިބާ ބަދަލުކުރުން އަދި އާ އީޖާދުތަކުގެ މައްޗަށް ބިނާވެގެން ކަމަށެވެ. މިފަދަ އެއްބާރުލުންތަކުގެ ސަބަބުން ޞިއްޙީ ދާއިރާގައި ބޮޑެތި ކާމިޔާބީތައް ހާސިލުކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
2030 ވަނަ އަހަރަށް އަމާޒުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވާފައެވެ. އެއީ ހުރިހާ ފަރާތްތަކަށް ހަމަހަމަ ގޮތެއްގައި ފަރުވާ ލިބޭނެ މަގު ފަހިކުރުމަށާއި، ބަލިމީހުންނަށް ކުރާ ނަފްރަތު ނައްތާލުމަށާއި، ކޮންމެ އިންސާނެއްގެ ވެސް އިއްޒަތާ ކަރާމަތާ ދެމެހެއްޓުމަށްޓަކައެވެ.
On World #AIDS Day, under the theme “Overcoming Disruption, Transforming the AIDS Response,” we reaffirm that ending AIDS is a shared global responsibility.
— Dr Mohamed Muizzu (@MMuizzu) December 1, 2025
This year, Maldives became the first country in the world to achieve WHO’s “Triple Elimination”—ending mother-to-child… pic.twitter.com/QAeXjtmKMU
އެއިޑްސް ދުވަހަކީ 1988 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގެ މަޤްޞަދަކީ އެޗްއައިވީ ބަލިމަޑުކަމުގެ ހޭލުންތެރިކަން އިތުރުކުރުމާއި، މި ބަލީގައި ނިޔާވެފައިވާ މީހުންގެ ހަނދާން އާކުރުމެވެ.