ޚަބަރު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި އިޞްލާޙު ތަޞްދީޤުކުރައްވާފައިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ކުރިއަށްގެންދިޔަ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާގައި މި ބިލު ފާސްކުރުމާއި ގުޅިގެންނެވެ.
މި އިޞްލާޙާއެކު، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހިންގުން ހަރުދަނާކުރުމުގެ ގޮތުން، އެ ނިޒާމުގެ ބައެއްގެ ގޮތުގައި އިދާރީ ދާއިރާތައް ހިންގުމަށް އަތޮޅު ކައުންސިލުތައް އުފެއްދުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލާޒިމްކުރާކުރުން ވަނީ އުވާލާފައެވެ. އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅޭ ކަންކަން ތަންފީޒުވާނީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައެވެ. އަދި އަލަށް އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ އުމުރު ފެށެންދެން މިހާރު އޮތް އަތޮޅު ކައުންސިލްތައް ދެމިއޮންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.