ޚަބަރު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ގެންނެވި އިޞްލާޙު ރައީސް ތަސްދީޤުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، ނޮވެންބަރު 27 ވީ ބުރާސްފަތި ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ.
މި ބިލުގެ ބޭނުމަކީ، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވައި އެ އިންތިޚާބުގެ އެންމެހައި އުޞޫލުތަކާއި ކަންކަން ކަނޑައަޅައި ބަޔާންކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ގެނެވުނު އިސްލާޙްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަން ބާއްވަންވާނީ، އަހަރަކު ދެ ފަހަރު ކަމަށް ވަނީ ކަނޑައަޅައި އިސްލާޙްކޮށްފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ހުށައެޅި އިސްލާހުގައި އެ ޤާނޫނުގެ އެކި މާއްދާތަކުގައި އަތޮޅު ކައުންސިލްތަކާ ގުޅޭގޮތުން މިހާރު ހުރި ބައިތައް އުނިކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ.
މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު މި ބިލު ޤާނޫނަކަށްވެ މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.