Ads by Stelco

ޚަބަރު

އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނަ އިންތިޒާމް ކުރެެއްވެވި ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން ބްރީފިންގައި ރައީސް ބައިވެރިވެވަޑައިގެންފި

އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނަ އިންތިޒާމް ކުރެެއްވެވި ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން ބްރީފިންގައި ރައީސް ބައިވެރިވެވަޑައިގެންފި

ރައީސް މުޢިއްޒު އިނގިރޭސި ރަސްގެފާނު ޗާލްސް 3 ވަނަ އަރިހުގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޑިސެމްބަރު 2025، 09:38

02 ޑިސެމްބަރު 2025، 09:38

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އިންތިޒާމްކުރެއްވި، ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަންއާ ބެހޭ މަތީ ފެންވަރުގެ ބްރީފިންގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ބްރީފިންގ ބާއްވާފައިވަނީ ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށްޓަކައި ޕްރައިވެޓް ކެޕިޓަލް ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް އިސްކަންދީގެންނެވެ.

މި ބްރީފިންގ އިންތިޒާމްކުރައްވާފައިވަނީ ޗާލްސް ރަސްގެފާނު އިސްކުރައްވައިގެން އުފައްދާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނިޝިއޭޓިވް (އެސް.އެމް.އައި) އިންނެވެ. މި ބައްދަލުވުމުގައި މަލްޓިލެޓެރަލް ޑިވެލޮޕްމަންޓް ބޭންކްތަކުގެ (އެމް.ޑީ.ބީ.އެސް) އިސްވެރިންނާއި، ޕްރައިވެޓް ފައިނޭންސް ދާއިރާގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ދެމެހެއްޓެނިވި ލަނޑުދަނޑިތައް ޙާސިލްކުރުމަށް ބޭނުންވާ ޙައްލުތަކަށް ޕްރައިވެޓް ކެޕިޓަލް ހޯދުމުގެ މަސައްކަތް އަވަސްކުރުމެވެ.

މި ބްރީފިންގގައި ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅުންގެ ތެރޭގައި ބަހާމާސްގެ ބޮޑުވަޒީރު، އޮނަރަބަލް ފިލިޕް އެޑްވާޑް ޑޭވިސް، އަލްޓެރާގެ ޗީފް އެގްޒެކެޓިވް އޮފިސަރ މާޖިދު އަލް ސުވައިދީ، ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް އަޖޭ ބަންގާ، އިންޓަރ-އެމެރިކަން ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ ރައީސް އިލާން ގޯލްޑްފަޖްން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ރައީސް މަސާޓޯ ކަންދާ، އަދި އެފްރިކަން ޑިވެލޮޕްމަންޓް ބޭންކް ގްރޫޕްގެ ރައީސް ޑރ. ސިދީ އައުލްޑް ތާހް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން، އެފްރިކާ ފައިނޭންސް ކޯޕަރޭޝަން (އޭ.އެފް.ސީ)، ޔޫރަޕިއަން ބޭންކް ފޮރ ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް (އީ.ބީ.އާރް.ޑީ)، ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީ.އައި.ބީ)، އަދި އެހެނިހެން މުހިންމު މާލީ އިދާރާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބްރީފިންގގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޑެޓް-ފޮރ-ކްލައިމެޓް އަދި ޑެޓް-ފޮރ-ނޭޗަރ އިނިޝިއޭޓިވްތައް ކުރިއެރުވުމާއި، ގްރީން ފައިނޭންސްގެ ދާއިރާގައި ޕްރައިވެޓް ސެކްޓަރގެ އެއްބާރުލުން ވަރުގަދަކުރުމާ ބެހޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއާއި އެހެނިހެން ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް (އެސް.އައި.ޑީ.އެސް) ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މާލީ އެހީތެރިކަމަށް ބޭނުންވާ ކަންކަން ފާހަގަކުރައްވައި، އެކަންކަން ޙައްލުކުރުމަށް ހުށަހެޅުންތައް ވެސް ހުށަހަޅުއްވާފައެވެ.

އެމަނިކުފާނުގެ ބައިވެރިވުމުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ މާލީ އިދާރާތަކުން ޕްރައިވެޓް ކެޕިޓަލް ހޯދުމަށް ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

ތިންވަނަ ޗާލްސް ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް ޑރ. މުޢިއްޒު އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ، މޫސުމީ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖޭގެ ދިފާޢީ ބާރު އިތުރުކުރުމަށް ބޭނުންވާ އިންސާފުވެރި އަދި އެކަށީގެންވާ ދެމެހެއްޓެނިވި މާލީ އެހީތެރިކަމަށް ރާއްޖެއިން ވަކާލާތުކުރުމުގެ މަސައްކަތަށް އާ ހިތްވަރެއް ގެނެސްދޭނެ ކަމެއްކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން