ޚަބަރު
މޫސުން ގޯސް، ނ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ހުދު ސަމާލު ނެރެފި!
ވާރޭ ވެހެނީ/ފޮޓޯ: ސައްތަ އޮންލައިން
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ.
މެޓް އޮފީހުން ވަނީ، މިއަދު ހެނދުނު 11:45 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށް ނ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، މި ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
Alert white for heavy rain and thunderstorms with gusts of 40 mph. pic.twitter.com/Dvgdjromt2
— Maldives Meteorology (@MetMaldives) December 2, 2025
މީގެ އިތުރުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ރޭ ފަތިހު 05:50 އިން ފެށިގެން ހެނދުނު 11:45 އާ ހަމައަށް، ށ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވެސް ހުދު ސަމާލު ނެރިފައެވެ. އެހެންކަމުން، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިދުވަސްވަރު ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.