Ads by Stelco

ޚަބަރު

ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރި ވަފުދެއް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރި ވަފުދެއް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޒިޔާރަތުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 ޑިސެމްބަރު 2025، 02:11

03 ޑިސެމްބަރު 2025، 02:11

ސަޢޫދީ ޢަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް، ހަރ އެކްސަލަންސީ ސާރާ އަލް-ސަޢީދާއި، އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރި ވަފުދެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމަކީ، މި އަހަރުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ، ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެން ސަޢޫދީ ޢަރަބިއްޔާގެ ބޮޑުވަޒީރު، އަދި ވަލީޢަހުދު ހިޒް ރޯޔަލް ހައިނަސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް-އާލް ސުޢޫދު އާއެކު ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް ފުޅާކުރެއްވުމާއި ބެހޭގޮތުން ކުރެއްވި މަޝްވަރާތަކާ ގުޅިގެން ބޭއްވެވި ބައްދަލުވުމެކެވެ.

މި ވަފުދު ރާއްޖެ ވަޑައިގެން ބޭއްވެވި މި ބައްދަލުވުމަކީ، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން އިތުރަށް ކުރިޔަށް ދިޔުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅަކަށްވީއިރު، މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި، އިންވެސްޓްމަންޓާ، އިޤްތިޞާދީ ތަރައްޤީއާއި، އަމިއްލަ ވިޔަފާރިތައް ތަރައްޤީކުރުމާއި، ދަނޑުވެރިކަމާ، މަސްވެރިކަމާ، އާޓިފިޝަލް އިންޓެލިޖެންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ ގިނަގުނަ އެހީތެރިކަން ފާހަގަ ކުރައްވައި، އޭގެ ސަބަބުން ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށް ބޮޑެތި ކުރިއެރުން ތަކެއް އައިސްފައިވާތީ، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ހަމަ އެހެންމެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް ނިންމެވުމަށް ވެދެއްވި އެހީތެރިކަމާއި، އަދި އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމުގެ މަތީ ފެންވަރުގެ ވަފުދެއް ފޮނުއްވި ކަމަށްޓަކައިވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖެޔާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ، ވައްމޭޒު ޖަލްސާގައިވެސް މިވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ، އަދި ސިނާޢަތްތަކުގެ އިސްވެރިންނާއެކު ސީދާ މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ އެބޭފުޅުންނަށް ދިވެހިރާއްޖެއިން ވިދާޅުވި މަރުޙަބާ އާއި، ބެހެއްޓެވި މެހުމާންދާރީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުން ނިންމާލައްވާފައި ވަނީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އުޚުއްވަތްތެރި ގުޅުން އިތުރަށް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން