Ads by Stelco

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް، އެމީހުންނަށް ފުރުޞަތުތައް ހޯދައިދީ، އިޤުތިޞާދީ ހަރަކާތްތަކުގައި އެމީހުން ބައިވެރިކުރުމަކީ މިސަރުކާރުގެ އަމާޒެއް: ރައީސް

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް، އެމީހުންނަށް ފުރުޞަތުތައް ހޯދައިދީ، އިޤުތިޞާދީ ހަރަކާތްތަކުގައި އެމީހުން ބައިވެރިކުރުމަކީ މިސަރުކާރުގެ އަމާޒެއް: ރައީސް

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޑިސެމްބަރު 2025، 04:39

03 ޑިސެމްބަރު 2025، 04:39

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް، އެމީހުންނަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދީ، އިޤުތިޞާދީ ހަރަކާތްތަކުގައި އެމީހުން ބައިވެރިކުރުމަކީ މި ސަރުކާރުގެ މައިގަނޑު އަމާޒެއް ކަމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިނަލްއަޤުވާމީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މުޢިއްޒު ވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރަމުންދާއިރު، ހުރިހާ އެންމެންގެ ޢިއްޒަތާއި، ހަމަހަމަކަމާއި، ބައިވެރިވުން އަގުކުރާ މުޖުތަމަޢެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ކަށަވަރުކޮށްދީ، އިޤުތިޞާދީ ހަރަކާތްތަކުގައި މާނަވީ ގޮތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.


މިގޮތުން، މި އަހަރުގެ ތެރޭގައި އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ 300 އަށްވުރެ ގިނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޚާއްޞަ ޢަމަލީ ޕްލޭނެއް އެކުލަވާލާފައިވާކަމަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެކަށޭނަ ގޮތެއްގައި ކިޔަވައިދިނުމަށްޓަކައި ޓީޗަރުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއްވެސް ވަނީ ފަށާފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށާއި، ޢިމާރާތްތަކާއި ތަންތަނަށް ފަސޭހަކަމާއެކު ވަދެނިކުމެވޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށާއި، މަޢުލޫމާތު ލިބުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން އަލުން އަޒުމު އާކުރައްވާކަމުގައި ވިދާޅުވެފައެވެ.

އަދި ކޮންމެ މީހެއްގެވެސް ޤާބިލުކަން އެންމެ ފުރިހަމައަށް ބޭނުންކުރެވޭނެ، އަދި ހުރިހާ އެންމެންގެ ބައިވެރިވުން ކަށަވަރުވާނެ ޤައުމެއް ބިނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން