Ads by Stelco

ޚަބަރު

ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން: ރައީސުލްޖުމްހޫރިއްޔާ

ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހުރިއްޔާ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 ޑިސެމްބަރު 2025، 01:08

05 ޑިސެމްބަރު 2025، 01:08

ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭނެކަމެއް ނޫންކަމުގައި އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

މާލޭގެ މާފަންނުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެކަން ކުރިން އޮތީ ހަމަ ވާނުވާގައި ކަމަށާއި، ނަމަވެސް މައްސަލަތައް އަވަސްކުރުމަށް މިހާތަނަށް ގިނަ ކަންތައްތަކެއް ކޮށްފައިވާނެ ކަމަށެވެ.

ތެދުފުޅެއް، މިކަން ކުރީގައި އޮތީ ހަޤީޤަތުގައި ވެސް ހަމަ ވާނުވާ ގޮތުގައި. ހައްޔަރުކޮށްފައި ތިބި މީހުންގެ މައްސަލަތައް ނިމޭނެ ދުވަހެއް، އެމީހުންގެ މައްސަލަތަކުގައި ޝަރީއަތް ބޭއްވޭނެ ދުވަހެއް، މިއިން އެއްވެސް ކަމެއް ނޭންގި ވާނުވާގަ އޮތް ކަމެއް އެއީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމުން މިކަމުގައި ހުރި މައްސަލަތައް ހޯދައި، ޙައްލު ކުރެވެން ހުރި ގޮތްތައް ބަލާފައިވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. 

އެގޮތުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިންގުމަށް އެކަށޭނަ ޖާގަ ނެތުމަކީ ބައެއް މައްސަލަތައް ދިގުލާ ދިއުމަށް މެދުވެރިވާ ސަބަބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން ކޯޓުތަކުގެ ފަނޑިޔާރުންނަށް، ބަލަންވެފައި ހުރި މައްސަލަތައް ނުބެލި، ފުނިޖެހުމުން ގޮސް، ވާނުވާ ބަންދުގައި އެތައް ސަތޭކަ ބަޔަކު ބޭތިއްބިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިކަން ޙައްލު ކުރުމަށް ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލަމުން ރައީސް ވިދާޅުވީ، ގިނަ މަސައްކަތްތަކަކަށް ފަހު، އެ ކޯޓުތައް ހިންގާނެ ތަނާއި، އެކަށޭނަ ފެސިލިޓީތައް ހަމަޖައްސަވާ ދެއްވާފައިވާނެކަމަށެވެ. އަދި މިކަމުގެ ނަތީޖާއަކަށް ވާނީ މައްސަލަތައް އަވަހަށް ބެލޭނެ ގޮތަށް މަގުފަހިވުން ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސުލްޖުމްހުރިއްޔާ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އަދި މި ޖަލްސާގައި ރައީސް ވަނީ، ބައެއް ފަރާތްތަކުން މިކަމާ ގުޅިގެން އުފައްދާ ސުވާލުތަކަށް ވެސް ޖަވާބުދެއްވާފައެވެ. އެގޮތުން ބައެއް ފަރާތްތަކުން، 5 މިނެޓުގެ ތެރޭގައި ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލުމުގެ ބާރު ރައީސްއަށް ލިބިގެންވާނެކަމަށާއި، ކުށެއް ނެތް މީހުން ދޫކޮށްލުމަށް ގޮވާލިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ބާރު ލިބިފައި ވީނަމަވެސް، އެ މަނިކުފާނަކީ އެފަދަކަމެއް ކުރާނެ މީހުން ނޫން ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަ ބަންދު ތަކުގައި ޝަރީޢަތް ނިންމަންޖެހި ނުވަތަ ވާނުވާ ބަންދުގައި މިވަގުތު ތިބި މީހުންގެ އަދަދު ޖުމްލަ 347 އަށް އަރައެވެ. އެގޮތުން މަރުގެ މައްސަލަތަކުގައި 29 މީހުން، ޓެރަރިޒަމްގެ ދަޢުވާގައި 20 މީހުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުޙުމަތުގައި 117 މީހުން، މާރާމާރީގައި ހައްޔާރުކުރިއ 70 މީހުންގެ އިތުރުން، ޑްރަގް ޓްރެފިކިންގައި 116 މީހުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. 

އަދި ކުރިން ޝަރީއަތް ބޭއްވޭނެ ދުވަހެއް ނޭންގި އޮތަސް، މައްސަލަތަކުގައި ޝަރީޢަތްތައް ތާވަލުކުރާ ދުވަސްތައް ކުރިން އަންގަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. 

މީގެ އިތުރުން، މި ސަރުކާރުން ޖުޑީޝަރީއަށް އަތް ނުފޯރުވާނެކަމަށާއި، މި ސަރުކާރުން ކުރާނީ ޖުޑީޝަރީގެ މައްސަލަތައް ކުރެވޭނެ މަގުތައް ފަހިކޮށްދިނުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ޖުޑިޝަރީއަކަށް ނުފޫޒެއް ނުފޯރުވާނެ. އަޅުގަނޑުމެން ބޭނުންވަނީ ހަޤީޤީ މާނައިގައި މިނިވަން ކޮށްދެން. މިނިވަން ކޮށްދެން ކޮން ކަމެއްތޯ ސަރުކާރުން ކުރަން ޖެހޭނީ؟ ޖުޑީޝިއަރީ ފަންކްޝަން ކޮށްދެވޭނެ ގޮތް ހަދާދޭންވީ. ކުރީގަ އޮތީ ތަޅުއަޅުވާފަ. މަސައްކަތް ކުރެވޭނެ ގޮތެއް ނެތް. ޖާގައެއް ވެސް ނެތީ. އމާރާތް ބޮލަށް ވެއްޓިފައި ހުރީ. އިމާރާތް މި ހަދައިދިނީ ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ، ސްޕީރިއަރ ކޯޓު އެޅުމުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފަށާނަން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ޖުޑީޝަރީގައި ވަސީލަތް ޤާއިމްކުރުމާއި، ޕޭ ހާމަނައިޒްގެ ތެރެއިން ޖުޑީޝިއަރީގައި މަސައްކަތްކުރާ މުވައްޒަރުންގެ މުސާރަ ރަނގަޅު ކުރެވިފައި ވާނޭ ކަމަށާއި، ބަޖެޓު ވެސް ވަކިކޮށްފައިވާނޭކަމަށް ވިދާޅުވިއެވެ. 

މިކަންތައްތަކާއެކު ޖުޑީޝަރީއަށް މާލީ މިނިވަންކަން ވެސް ލިބި، ކޯޓު ހިންގުމަށް ފުރިހަމަ މިނިވަންކަމެއް ލިބިގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން