ޚަބަރު
ރައީސުލްޖުމްހޫރިއްޔާ މާދަމާރޭ މާލެ، ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވަނީ!
ރައީސް، މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާރޭ މާލެ، ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދާނީ މާދަމާރޭ 20:30 ގައި ކަލާފާނު ސްކޫލުގައެވެ. މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވާ ބައްދަލުކުރެއްވުމެކެވެ.
މިކަމާއި ގުޅިގެން 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި ބައްދަލުކުރެއްވުމަކީ މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރިން އިޢުލާނުކުރެއްވި އިޢުލާނާ އެއްގޮތަށް ކުރިއަށްގެންދާ ބައްދަލުކުރެއްވުމެއް ކަމަށެވެ. އެހެންކަމުން، ހެންވޭރުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ސަރުކާރުން ވަނީ ދަޢުވަތު ދެއްވާފައެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ…
— Heena Waleed (@MvSpokesperson) December 6, 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެކަމުގެ ވައުދުފުޅާއެކުގައެވެ. އެ ވަޢުދުފުޅާ އެއްގޮތަށް މިހާތަނަށް އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މިއީ ރާއްޖޭގެ ވެރިޔަކު ވެރިކަމުގެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންނާއި ގާތުން ރައްޔިތުން އެދިލައްވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުން ކަމަށްވާއިރު، މިފަދަ ބައްދަލުވުންތަކަކީ އެކަމަށް ވަރަށް މުހިންމު ކަމެއްކަމަށް ސަރުކާރުން ސިފަކުރައްވައެވެ.