ޚަބަރު
ކުރީގެ ރައީސުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، މިމަހުގެ 1 ވީ އާދީއްތަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ މީހުންނަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ ރައްކާތެރިކަމާއި ޢިނާޔަތްތައް ކަނޑައަޅައި، އެ ރައްކާތެރިކަމާއި ޢިނާޔަތްތައް ދިނުމާބެހޭ އުސޫލުތައް ކަނޑައަޅައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ބަޔާންކުރުމެވެ.
މި އިޞްލާޙުތަކުގެ ތެރޭގައި، ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދޭ 175,000 ރުފިޔާ ދެން ނުދިނުމަށް ހިމަނާފައިވެއެވެ. މީގެ އިތުރުން، ރައީސްކަން ކުރެއްވި ބޭފުޅަކު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ އެހެންވެސް މަޤާމަކަށް އައްޔަން ކުރެވިއްޖެނަމަ، އެ މަޤާމެއްގެ މުއްދަތުގައި ޤާނޫނުން ދޭ ޢިނާޔަތްތައް މެދުކަނޑާލަންޖެހޭނެ ކަމަށްވެސް މި އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ. މިހާރުގެ ޤާނޫނުގައި ޢިނާޔަތް މެދުކަނޑާލަން ޖެހެނީ ދެވަނަ ދައުރަކަށް އިންތިޚާބުވުމުން އެކަންޏެވެ.
މި ބިލުގެ މުހިންމު އަނެއް ބަދަލަކީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންގެ ޢިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިތުރުން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ޢިނާޔަތް ދިނުމަށް ހިމެނުމެވެ. މި ދެ ބަދަލާއެކު ދައުލަތުގެ ޚަރަދަށް އަންނާނެ ބަދަލުތަކުގެ އެސްޓިމޭޓެއްވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެ އެސްޓިމޭޓްގައިވާ ގޮތުން، ކުރީގެ ރައީސުންގެ އޮފީސް ހިންގަން ދޭ ފައިސާ އުނިކުރުމުން އަންނަ އަހަރު 10,500,000 ރުފިޔާ ޚަރަދު ކުޑަވާނެއެވެ. މީގެ ސަބަބުން އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން ކުރީގެ ރައީސުންނަށް ޢިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ 19.7 މިލިޔަން ރުފިޔާ، 10.2 މިލިޔަން ރުފިޔާއަށް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ނައިބު ރައީސުންނަށް ދޭ ޢިނާޔަތް ހިމެނުމުން އަންނަ އަހަރު އެކަމަށް 360,000 ރުފިޔާ އަދި ބޭސްފަރުވާގެ ޚަރަދަށް 700,000 ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. ކުރިން ބިލުގައި ނައިބު ރައީސުންނަށް މަހަކު 25,000 ރުފިޔާގެ ޢިނާޔަތެއް ދޭން ހިމެނި ނަމަވެސް، ކޮމިޓީން ވަނީ އެ އަދަދު 30,000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުން ޢިނާޔަތް ދޭންޖެހޭނީ 5 އަހަރުގެ ދައުރު ފުރިހަމަ ކުރާ ނައިބު ރައީސުންނަށް އެކަންޏެވެ. މި އުޞޫލުން ބަލާއިރު، މިހާތަނަށް 5 އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސަކީ މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރެއްވި ފައިޞަލް ނަސީމެވެ. އޭގެ ކުރިން ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް އެކި ސަބަބުތަކާހުރެ 5 އަހަރުގެ ދައުރު ފުރިހަމަ ކުރެއްވިފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.