ޚަބަރު
މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު!
ވިއްސާރަ ދުވަހަކު މާލެތެރެއިން/ފޮޓޯ: ދަރުމަ
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ވަނީ، މިއަދު ހަވީރު 17:00 އިން ފެށިގެން މިރޭ 23:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، މި ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
Alert white for heavy rain pic.twitter.com/yEK0jdQgOx
— Maldives Meteorology (@MetMaldives) December 7, 2025
މީގެ އިތުރުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ފަތިހު 04:30 އިން ފެށިގެން ހެނދުނު 09:30 އާ ހަމައަށް، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވެސް ހުދު ސަމާލު ނެރިފައެވެ. އެހެންކަމުން، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިދުވަސްވަރު ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.