Ads by Stelco

ޚަބަރު

އެއްކޮޓަރީގެ ފްލެޓު ދޫކޮށްލާނަމަ 3 ކޮޓަރި ފްލެޓަށް ކުރަމަތިލެވޭނެގޮތަށް ބަދަލުކުރާނަން: ރައީސުލްޖުމްހޫރިއްޔާ

އެއްކޮޓަރީގެ ފްލެޓު ދޫކޮށްލާނަމަ 3 ކޮޓަރި ފްލެޓަށް ކުރަމަތިލެވޭނެގޮތަށް ބަދަލުކުރާނަން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ޑިސެމްބަރު 2025، 12:38

08 ޑިސެމްބަރު 2025، 12:38

ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ތެރެއިން ކުރިން އެއްކޮޓަރީގެ ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން، ސަރުކާރުން އަލަށް ހުޅުވާލާ ފުރުސަތުގައި އެ ފަރާތްތަކަށް ކުރިމަތިނުލެވޭނެ ގޮތަށް އޮތް އޮތުން ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.  

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާނު ސްކޫލްގައި ރައީސުލްޖުމްހޫރިއްޔާ މިރޭ ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވީ، މި ބައްދަލުކުރެއްވުން ތަކަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޚިއްޞާ ކުރުމަށް ބޭއްވޭ ބައްދަލުވުންތަކެއް ކަމުން، ކުރިން ބޭއްވުނު ތިން ބައްދަލުވުމަށް ބަލާއިރު، އެއްކޮޓަރީގެ ފްލެޓެއް ލިބިފައިވާ ފަރާތްތަކަށް މިހާރު ކުރިމަތިނުލެވޭ ގޮތަށް އޮތް އޮތުމަކީ ގިނަ ބައެއްގެ ބޮޑު ޝަކުވާއެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ޙާލަތަށް ބަލާއިރު، މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާތީ، ކުރީގެ ނިންމުން ބަދަލުކުރައްވަން ނިންމެވީކަމަށް އެ މަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

އަލަށް ހުޅުވާލާ ފްލެޓުތަކަށް ކުރިމަތިލުމުގެ އުސޫލު އާންމު ކުރިއިރު، އެ އުސޫލުގެ 11ވަނަ މާއްދާގެ (4) ވަނަ ނުކުތާގައި ބުނެފައި ވަނީ، އަލަށް ހުޅުވާލާ ފުރުސަތަށް އެދި ހުށަހަޅާ އެޕްލިކެންޓަކީ މީގެ ކުރިން ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ކޯޕަރޭޓިވް ސޮސައިޓީއަކުން ހިންގައިފައިވާ ބޯހިޔާވަހިކަމުގެ އެއްވެސް ޕުރޮގުރާމެއްގެ ދަށުން ނުވަތަ މޮޑެލްއެއްގެ ދަށުން ހައުސިންގ ޔުނިޓެއް ނުވަތަ ބިމެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުމަކީ ޝަރުތެއް ކަމަށެވެ.

އެގޮތުން މިކަމުގައި ރައްޔިތުންގެ ޝަކުވާއަކަށްވީ، މީގެ އެތައް އަހަރެން ކުރިން ލިބުނު ބޯހިޔާވަހިކަމެއްގެ ސަބަބުން، މިހާރުގެ ބޯހިޔާވަހިކަމުގެ ފުރުސަތު ގެއްލޭއިރު، އޭރާއި މިހާރާއި ބޮޑުތަކުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވުމެވެ. އެހެންކަމުން ރައްޔިތުންގެ މި ޝަކުވާތައް އަޑުއައްސަވައި، ރައީސުލްޖުމްހޫރިއްޔާ މިވަނީ އެކަމަށް ޙައްލެއް ހޯއްދަވައިދެއްވާފައެވެ. 

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ގެދޮރުވެރިކަމާ ބޯހިޔާވަހިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައި ވަނީ މިދިޔަ މަހުއެވެ.  މިއީ ސަރުކާރުން ނޮވެންބަރު 16 ވަނަ ދުވަހު އިފްތިތާޙުކުރި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫޢެވެ. މި މަޝްރޫޢަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ 4 އިން ފެށިގެން މާޗު 3 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެކަމަށް އެކަމާ ގުޅޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލު ނުވަތަ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުގެ ތެރެއިން ކޮންމެވެސް އެއް ބަޔަ

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ފްލެޓް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭގެ ރަށްވެހިންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެއެވެ. މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް ކަނޑައަޅާފައިވާއިރު، މާލޭގައި ރަށްވެހިވެފައިނުވާ، އެކަމަކު މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް ވަނީ ހާއްސަކޮށްފައެވެ. ބާކީ 2،000 ފްލެޓުގެ ތެރެއިން 800 ފްލެޓް ދައުލަތުގެ މުއައްސަސާތަކާއި ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށްފައިވާއިރު، އެކަނިވެރި މައިންނާއި ބަފައިންނާއި، މަސްވެރިންނާއި، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި، ޓެކްސީ ޑްރައިވަރުންނަށް ވެސް ފްލެޓް ވަނީ ކަނޑައަޅާފައެވެ.

އަދި ބިން ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދެ ކެޓަގަރިއަކަށް ބަހާލައިގެން ދޫކުރާނެއެވެ. މާލޭ ރަށްވެހިންނަށް 10،000 ގޯތި ދޫކުރާނެއެވެ. އޭގެ ތެރެއިން، އުފަންވީއްސުރެ މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 7،000 ގޯއްޗާއި، މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ގޯތި އަދި ފަހުން މާލޭގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 2،000 ގޯތި ހިމެނެއެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްވެހިންނަށް 3،000 ގޯތި ކަނޑައަޅާފައިވާއިރު، އެހެން ރަށްރަށުގެ މީހުންނަށް ގޯއްޗަށް ކުރިމަތިލެވޭނީ ވެސް މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުމަށް ފަހުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން