Ads by Stelco

ޚަބަރު

މާލޭ ސަރަޙައްދުގައި ޕާކު ކުރާނެ އިމާރާތްތަކެއް އެޅުމާ ގުޅޭ އިތުރު މަޢުލޫމާތު ޚިއްޞާކޮށްފި

މާލޭ ސަރަޙައްދުގައި ޕާކު ކުރާނެ އިމާރާތްތަކެއް އެޅުމާ ގުޅޭ އިތުރު މަޢުލޫމާތު ޚިއްޞާކޮށްފި

ހުޅުމާލެއަކީ ހުޅުމާލޭގެ ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި މަގުމަތި ތަރުތީބުކުރުމަށް 2025 ޑިސެންބަރު 6 ވަނަ ދުވަހު ފަށާފައިވާ ޓޯވ އޮޕަރޭޝަނުގެ ތެރެއިން / ފޮޓޯ: ޕޮލިސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ޑިސެމްބަރު 2025، 09:44

08 ޑިސެމްބަރު 2025، 09:44

މާލޭ ސަރަޙައްދަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ ޙައްލު ކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި ޕާކުކުރާނެ އިމާރާތްތަކެއް އަޅަން ނިންމަވާފައިވާ ކަމަށާއި، އެ އިމާރާތްތައް ހުންނާނެ ތަންތަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ހާމަކުރައްވައިފިއެވެ.

އެ މަނިކުފާނު މިކަން ޚިއްޞާ ކުރެއްވީ ހެންވޭރަށް ނިސްބަތްވާ ރައްޔިތުންނަށް ޚާއްޞަކޮށް އާދިއްތަ ދުވަހުގެރޭ ކަލާފާނު ސްކޫލްގައި ބޭއްވެވި ބައްދަލުވުމުގައެވެ. 

ރައީސް ވިދާޅުވީ ޕާކިން ބިލްޑިންތައް ތަރައްޤީކުރުމަށް މިހާރު ލިޔެކިޔުންތައް އިންޑިއާގެ ސަރުކާރަށް ފޮނުވާފައިވާކަމަށެވެ. 

އެގޮތުން ޕާކުކުރާނެ ޖުމްލަ 4 އިމާރާތެއް އެޅުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން ދެ އިމާރާތެއް މާލޭގައި ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގައި ވެސް އިމާރާތެއް ޤާއިމްކުރާނެއެވެ. ރައީސް ވިދާޅުވީ ވިލިމާލޭގެ އިމާރާތް ހުންނާނީ ތިލަމާލެ ބުރިޖުން ވިލިމާލެއަށް ފައިބާ ތަނުގައި ކަމަށެވެ. އެއީ ވިލިމާލެއަކީ ވެހިކަލްތަކަށް ނުވަދެވޭ އަވަށެއްކަމުން، އެތާންގައި އެ އިމާރާތް އެޅުމަކީ ރައްޔިތުންނަށް އެންމެ ފަސޭހަވާނެ ގޮތް ކަމަށް ވާތީ ކަމަށެވެ.

ވިލިމާލެ ބްރިޖުން ފައިބާ ތަނުގައި ޕާކިން ބިލްޑިންއެއް އަޅާނެ. އެއީ ބްރިޖުން ވިލިމާލެއަށް ފައިބާއިރު އެ ތަނުގައި ޕާކު ކުރަންޖެހޭތީވެ. ހުޅުމާލެ ރަނގަޅު ލޮކޭޝަނެއްގައި އަނެއް ބިލްޑިން ތަރައްޤީކުރާނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އާދީއްތަ ދުވަހުގެރޭ އޮތް ބައްދަލުވުމުގައި ހެންވޭރުގެ ގިނަ ރައްޔިތުންތަކެއް ވަނީ، ވެހިކަލުތައް ޕާކުކޮށްފައި ހުންނަ ގޮތުން މާލޭގައި ހިނގާބިނގާވެ އުޅުމަށް ދަތިވާކަން ފާހަގަކޮށްފައެވެ. މި ޝަކުވާއަށް ޖަވާބު އަރުވަމުން ރައީސް އިތުރަށް ވިދާޅުވީ، މަގުމަތީގައި ޕާކް ކުރުމުގެ މައްސަލައަށް އެދެވޭ ހައްލެއް ގެނައުމަށް ޓްރެފިކް ޕޮލިސް މެދުވެރިކޮށް، ސީދާ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމަކީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަމަށެވެ.

މާލޭގެ ޓްރެފިކް މައްސަލައަށް ޙައްލު ހޯދުމަށް ކުރައްވާ އިތުރު މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މާލޭ މަގުތައް ރަނގަޅު ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެމަސައްކަތް ކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިހާރު ކުރަމުންދަނީ ޑިޒައިންގެ މަސައްކަތްތައް ކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން