ޚަބަރު
ޚާއްސަ ޙާލަތްތައް މެދުވެރިވުމުން ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަދަނީ
ހެންވޭރު ރައްޔިތުންނާއި ރައީސް ޑރ މުއިއްޒު ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ޚާއްޞަ ޙާލަތްތަކެއް މެދުވެރިވެއްޖެނަމަ، ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭނެ ގޮތަށް، ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއީ ރައީސްގެ ރިޔާސީ ވަޢުދުފުޅެއްގެ ތެރެއިން ޢަމަލީ ގޮތުން ކުރިއަށްގެންދަވާ މަސައްކަތެކެވެ.
ރައީސް މުޢިއްޒު އާދީއްތަ ދުވަހުގެރޭ މިކަން ހާމަކުރެއްވީ، ޕެންޝަން ފަންޑާ ގުޅޭގޮތުން ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ، ޕެންޝަން ފަންޑުގެ ބޭނުން ހިފޭނެ ގޮތަށް ކަންކަން ކޮށްދެއްވުމަކީ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ކަމެއް ކަމަށާއި، މިހާރުވެސް ބައެއް ކަންކަން ފެށިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އިތުރު ފުރުސަތުތައް ދިނުމަށްޓަކައި، މިހާރު މަޖިލިސް ޗުއްޓީއަށް ގޮސްފައި އޮތުމަށްފަހު، ދެން އޮންނަ ދައުރަށް ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާޙުތަކެއް ހުށަހަޅުއްވާނެ ކަމަށެވެ. ގެނެވޭ އިސްލާޙުތަކާއެކު ގިނަ ކަންތައްތަކަށް ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚާއްސަ ޙާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވޭނެ ގޮތަށް، އެ ޚާއްސަ ޙާލަތް އޭގައި ބަޔާން ކުރެވޭނެ. އެހެންވީމަ މިހާރަށް ވުރެ ގިނަ ފުރުސަތުތައް އެ މީހާގެ ޕެންޝަން ފައިސާއިން ކުރެވޭނެ ގޮތަށް ޤާނޫނަށް އިސްލާޙު ގެންނަން އެބަ ހުށަހަޅަން.
ރައީސް ވިދާޅުވިއެވެ.
މީގެ މަޤްޞަދަކީ، ރައްޔިތުންނަށް ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި، އެމީހުންގެ ޕެންޝަން ފައިސާއިން އެހީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މި އިސްލާޙުގެ ސަބަބުން، ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ދާއިރާ ފުޅާވެ، ރައްޔިތުންގެ މާލީ ބާރުވެރިކަން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ވައުދުވީ ގޮތަށް، މިކަމުގެ ބައެއް ފިޔަވަޅުތައް މިހާރު ފެށިފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި މި ފުރުސަތު އިތުރަށް ފުޅާކޮށްދެއްވާނެ ކަމަށެވެ.