Ads by Stelco

ޚަބަރު

ޖަޕާނުގެ ހިލޭ އެހީގައި މާލޭގައި ޒަމާނީ މަސް މާރުކޭޓަކާއި ތަރުކާރީ މާރުކޭޓެއް އަޅަނީ

ޖަޕާނުގެ ހިލޭ އެހީގައި މާލޭގައި ޒަމާނީ މަސް މާރުކޭޓަކާއި ތަރުކާރީ މާރުކޭޓެއް އަޅަނީ

މަސް މާރުކާޓް/ފޮޓޯ: ދައުރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 ޑިސެމްބަރު 2025، 12:28

08 ޑިސެމްބަރު 2025، 12:28

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި މާލޭގައި ޒަމާނީ މަސް މާރުކޭޓަކާއި ތަރުކާރީ މާރުކޭޓެއް އެޅުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު މާލޭގެ ލޯކަލް މާރުކޭޓް ހުރި ތަނުގައި މަސް މާރުކޭޓަކާއި ތަރުކާރީ މާރުކޭޓެއް ހިމެނޭހެން ޒަމާނީ އިމާރާތެއް އަޅާނެކަމަށެވެ.

މިކަމަށް އަލިއަޅުއްވާލާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސް މާރުކެޓް ތަރައްޤީ ކުރުމަށް ސިޓީ ކައުންސިލުން އެކަން ކުރުމަށްޓަކައި އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރުގައި ވެސް މަސައްކަތް ފެއްޓެވި ކަމަށެވެ. އަދި އޭރު އެ މަޝްރޫޢު ބަޔަކާއި ހަވާލުކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް، އެކަން އޮތީ މިދިޔަ ދުވަސްތަކުގައި ވެސް ނުހިނގާކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން މިހާރު ވާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ހިންގާ މަޝްރޫޢެއްގެ ގޮތުގައި އެ މަޝްރޫޢު ކަނޑައެޅުމަށްޓަކައި އެ ބޭފުޅުންނާ އެކުގައި ވާހަކަދެކެވި މަސައްކަތްތަކެއް ފެށިފައި. ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް އެ ބޭފުޅުން ފޮނުއްވާނެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަސްމާރުކޭޓް އަޅާނީ މިހާރު ލޯކަލް މާރުކެޓް ހުރި ތަނުގައި ކަމަށެވެ. އަދި އެއީ އެންމެ ކުރިން ރައީސް މައުމޫން ގެ ޒަޢާމަތުގައި އެތަން ހިއްކެވިއިރު ޕްލޭންކޮށްފައިވާ ގޮތްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ލޯކަލް މާރުކެޓް ހުރި ތަނުގައި ޒަމާނީ ފެންވަރުގެ މަސް މާރުކޭޓަކާއި ތަރުކާރީ މާރުކޭޓެއް ވެސް ހިމެނޭ މިކްސް ޔޫސް މާރުކެޓެއްހެން މޮޑާން އިމާރާތެއް އެޅުމަށް ޕްލޭން ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު މަސް މާރުކޭޓް ހުރި ތަނުގައި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އެންޖީއޯތަކާއި، ކުންފުނިތަކާއި، އޮފީސް ސްޕޭސް ލިބޭނެކަހަލަ އޮފީސް އިމާރާތެއް އެޅުމަށް ވެސް ޕްލޭންކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ޕްރޮޖެކްޓްގެ މަސައްކަތް ޓެކްނިކަލް ލެވަލްގައި ކުރިއަށްދާ ކަމަށާއި، އެކަން ކުރެވިގެން ދިޔުމުން އެއީ އެ ސަރަޙައްދަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން