ޚަބަރު
ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ސާކްގެ ސެކެޓްރީ ޖެނެރަލަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސާކްގެ ރޫހު އަލުން އާލާކުރުމުގެ ގޮތުން އިތުބާރު ކަށަވަރުކުރުމަށް ސާކް ސަމިޓް އަލުން ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، ދެކުނު އޭޝިއާގެ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމާއެކު، ސަރަހައްދުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވޭނީ އެއްބައިވަންތަކަމާއި، އެއްބާރުލުން އިތުރުކޮށް، މަޝްވަރާގެ އުސޫލުންނެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، އިޔާދަކުރަނިވި ހަކަތަ ތަރައްގީކުރުމާއި، އާންމު ޞިއްޙަތާއި، ފުޑް ސެކިއުރިޓީ ކަށަވަރުކުރުމާއި، އިޤުތިޞާދީ ހަމަހަމަކަން ކަށަވަރުކުރުމާއި، ދެމެހެއްޓެނިވި، ހިއްސާވާ ތަރައްޤީ ކަށަވަރުކުރުންފަދަ ނާޒުކު މައްސަލަތަކަށް ޙައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި، ސާކާއި ސާކުގެ ގުނަވަންތަކަކީ މިފަދަ ގޮންޖެހުންތަކަށް ހައްލުހޯދުމަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއްކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައިވަނީ ދެކުނު އޭޝިއާގެ ރައްޔިތުންނަށް އުފާވެރި، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި، ސާކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ޝާމިލުވުން އިތުރުކުރުމަށެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ މަސައްކަތްތަކުން ސަރަހައްދުގެ އަމަން އަމާންކަމާއި، ތަރައްޤީއާއި، ފުދުންތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.