ޚަބަރު
ޖުވާ ކުޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި
ގޭމެއް/ފޮޓޯ: އިންޓަރނެޓް
ޖުވާ ކުޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިކަމާއި ގުޅިގެން ސަރުކާރުން މަޖިލީހަށް ބިލަށް ހުށަހަޅާފައިވާކަން ހާމަކަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރުއްޔާ ވިދާޅުވީ، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިޞްލާޙު ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިން
— Dr Mohamed Muizzu (@MMuizzu) December 10, 2025
ޖުވާ ކުޅުމަކީ، މޮޅުވާ މީހާ ދެރަވާ މީހާގެ އަތުން އެއްޗެއް ހޯދުމަށް ޝަރުޠުކޮށްފައި ކުޅޭ ކުޅިވަރުތަކަށް ވީއިރު، އެފަދަ ކުޅިވަރުތައް ކުޅުން އިސްލާމްދީނުގައި ވަނީ ނަހީކުރައްވާފަ އެވެ. މިފަދަ ކުޅިވަރުތަކުގެ ތެރޭގައި އިހުޒަމާނުގައްޔާއި މިޒަމާނުގައި އެތައް ކަމެއް ހިމެނިގެން ދާއިރު، އިހުޒަމާނުގައި ޖުވާގެ ގޮތުގައި ކުޅެ އުޅުނު ކުޅިވަރުތަކުގެ ތެރޭގައި ޑައިސްގެ ކުޅިވަރުތަކާއި ރާޒުވާއާ އަދި ހިލައިންނާ އެނޫން އާލާތްތައް ބޭނުންކޮށްގެން ކުޅުނު ކުޅިވަރުތައް ހިމެނެއެވެ.
މި ޒަމާނުގައި ވެސް އެފަދަ ކުޅިވަރުތައް ފައިސާއަށް ކުޅެއުޅެއެވެ. އަދި އޭގެ އިތުރަށްވެސް މި ޒަމާނުގައި ޢާންމުވެފައިވާ ކުޅިވަރުތަކުގެ ތެރޭގައި ވާދަޖަހައިގެން ކުރާ ކަންތައްތަކުގައި 'ބެޓް' ކުރުމާއި ޖުވާކުޅޭ ތަންތަނުގައްޔާއި އެނޫން ތަންތަނުގައި އެކި ނަންނަމުގައި ކުޅޭ ކުޅިވަރުތައް ހިމެނެއެވެ. އޭގެ ތެރޭގައި، ރޫލެޓް އާއި، ބްލެކްޖެކް އާއި، ޕޯކަރ އަދި މިނޫނަސް އެތައް ނަންނަމުގައި ކުޅޭ ކުޅިވަރުތަކެއް ހިމެނެއެވެ.
މި ޒަނާމުގައި މިފަދަ ވަރަށް ގިނަ ގޭމުތައް އޮންލައިނުކޮށް ވެސް ކުޅެމުން އަންނައިރު، އޮންލައިންކޮށް ފައިސާ ދައްކައިގެން އެޕްލިކޭޝަންތައް މެދުވެރިކޮށް މިފަދަ ގޭމުތައް ކުޅޭކަން ފާހަގަކުރެވެއެވެ.